މިރޭގެ މީޑިއާ ބްރީފިންގައި ޑރ. ޝީނާ ވާހަކަ ދައްކަވަނީ.
17 އެޕްރީލް 2020 - 16:38
ޕްރެސް ބްރީފިންގައި އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް ފައިރޫޝް ނޫސްވެރިއެއްގެ ސުވާލަކަށް ޖަވާބު ދެއްވަނީ.
ފައިރޫޝް: މާލޭގެ ކޮންމެ ގެއަކަށް ތިން ދުވަހުން އެއް ދުވަހު ކޮންމެވެސް އެކަކަށް އެއް ގަޑިއިރަށް ޒަރޫރީ ބޭނުންތަކަށް ބޭރަށް ނުކުމެވޭނެ ގޮތް މާދަމާއިން ފެށިގެން ހުޅުވާލާނަން. އެކަމަށް ޕޮލިސްގެ ޕޯޓަލް އިން ފޯމެއް ފުރާލީމަ ނިމުނީ. އޭގައި އޮންނަ ނަންބަރަށް އަޅުގަނޑުމެން ފޮނުވާނަން ކިޔޫއާރު ކޯޑެއް. މި ހުއްދައިގެ ދަށުން ބޭރަށް ނުކުމެވޭނީ ވަކި ސަރަހައްދަކަށް. އެއީ ކޮން ސަރަހައްދެއްކަން އެޕްލައި ކުރާ ފަރާތަކަށް އެނގޭނެ.
ފައިރޫޝް: މިހާރު ހުއްދަ ދޭން ނިންމާފައިވާ ގޮތަށް ތިން ދުވަހުން އެއް ދުވަހު އެއް ގަޑިއިރު އެއީ އެންމެ ރަނގަޅު ވަގުތުތޯ އެއީ ސުވާލެއް. މިއީ ފުރަތަމަ ފޭސް މީގައި. އަޅުގަނޑުމެން މި ބަލަނީ ފުލުހުންގެ ޕޯޓަލް މެދުވެރިކޮށް ހަމަ އެކަނި ފިހާރަ އަށް ގޮސް އެއްޗެހި ޕިކް ކުރެވޭނެ ނިޒާމެއް ހަމަޖެހޭތޯ ވެސް.
ފައިރޫޝް: މާލޭގަައި ބައެއް މީހުން އެބަ އުޅޭ އެއް ގެއަކުން ކައިގެން އަދި އަނެއް ގެއަކުން އަންނައުނު ދޮވެގެން އުޅޭ މީހުން. އެހާ ފުދިގެނެއް ނޫން އެންމެން އުޅެނީ.
ފައިރޫޝް: ދީފައިވާ ހުއްދަތަކުން މާދަމާއިން ފެށިގެން ދެވޭނީ ވަކި ސަރަހައްދުތަކަކަށް ވަކި ހިސާބަކަށް. އަދި ވަކި ވަގުތެއް ވަންދެން.
ފައިރޫޝް: ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ގިނަ މީހުން ވެސް ގެންދިޔައީ ގެންދިއުމުގެ ބޭނުމަކު ނޫން. އޭގެ ތެރޭގައި އެބަތިބި މާލޭގައި ކާޑްބޯޑެއް އަތުރާލައިގެން ނިދާ މީހުން ވެސް. އެކަހަލަ މީހުންނަށް ކަމާ ގުޅޭ ނިޒާމުގެ ތެރެއިން އެޓެންޑް ކުރަމުން އެބަ ގެންދަން.
ފައިރޫޝް: ހަގީގަތަކީ ލޮކްޑައުން އަކަށް ގެނައި ނަމަވެސް، ކުއްލިއަކަށް މިކަން ދިމާވީމަ ހުރިހާ ކޮންމެވެސް ވަރަކަށް ލުއިތަކެއް ދީގެން އަޅުގަނޑުމެން ކުރިއަށް ދިޔައީ. އެވަރަށް ފުރުސަތު ދީފައި، ރެއިން ފެށިގެން އަޅުގަނޑުމެން ފިޔަވަޅު އަޅަން ފެށީ. އޭގެ ފަހުން ދިވެހިންނަށް ގާނޫނީ ފިޔަވަޅެއް އަޅާވަރުގެ ކަމެއް ނެތް. މީގައި ގިނައީ ބިދޭސީން. ގާނޫނީގޮތުން އެޅެން އޮތީ ދެ ފިޔަވަޅެއް. އެއް ކަމަކީ ޖޫރިމަނާކުރުން. ދެން އޮތީ ދައުވާކުރުން.
ޕޮލިސް/ އަބްދުﷲ ފައިރޫޝް: މާލެ މި ބަހާލަނީ 26 ޒޯނަކަށް. މަގުމަތީގައި އުޅޭ މީހުން މަދުކުރުމަށް ޓަކައި އަޅުގަނޑުމެން ދެން ހުއްދަދޭ ގޮތްތަކާއި އެ ހުއްދަތަކާ ދޭތެރޭ އަމަލު ކުރާ ގޮތަށް މާދަމާ އިން ފެށިގެން ބަދަލު ގެނެވޭނެ.
މާފުށީ ޖަލުގެ ޔުނިޓު 9 ގައި ތިބި ޤައިދީންނަށް މިރޭ ކާންދިނުމަށްޓަކައި ޔުނިޓު ހުޅުވި ވަގުތު ބައެއް ޤައިދީން ގަދަކަމުން ޔުނިޓުން ނުކުމެފައިވާ ކަމަށާއި ނަމަވެސް، ހާލަތު މިހާރު ވަނީ ކޮންޓުރޯލުކިރެވިފައި ކަމަށް ކަރެކްޝަންސް އިން ބުނެފި. ހާދިސާގައި ޤައިދީއަކަށާއި ދެ އޮފިސަރަކަށް ވަނީ އަނިޔާވެފައި.
މާފުށީ ޖަލުގެ ޔުނިޓު 9 ގައި ތިބި ޤައިދީންނަށް މިރޭ ކާންދިނުމަށްޓަކައި ޔުނިޓު ހުޅުވި ވަގުތު ބައެއް ޤައިދީން ވަނީ ގަދަކަމުން ޔުނިޓުން ނުކުމެފައި. ނަމަވެސް، ހާލަތު މިހާރު ވަނީ ކޮންޓުރޯލުކިރެވިފައި. ހާދިސާގައި ޤައިދީއަކަށާއި 2 އޮފިސަރަކަށް ވަނީ އަނިޔާވެފައި.
— Corrections Mv (@Corrections_Mv) April 18, 2020
މި މަހުގެ 15 ގެ ފަހުން މާލެ، ހުޅުމާލެ، ވިލިމާލެ ގުޅިފަޅު އަދި ތިލަފުށިން ރާއްޖޭގެ އެހެން ރަށްރަށް ގޮސްފައިވާ އެންމެން 14 އެހެން މީހުންނާ އެކަހެރިވާން ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު އަމުރުކުރައްވައި
ޕޮޒިޓިވް ކޭސްތަކުގެ ތެރޭގައި މިހާރު ހިމެނޭ ތިން ކްލަސްޓާގެ ތެރޭގައި ނުހިމެނޭ މީހަކު މިރޭ ޕޮޒިޓިވް ވެއްޖެ. އޭނާ އަކީ ކުރިން ޕޮޒިޓިވްވި އެކަކާ ވެސް ގުޅުމެއް ނެތް މީހެއް. މިއީ މާލޭން ޕޮޒިޓިވްވި 15 ވަނަ، އަދި ރާއްޖެ އިން ޕޮޒިޓިވްވި 35 ވަނަ މީހާ.
އަހުމަދު ޒާހިރު: މި އޮތް ހާލަތު އޮވެއްޖެ ނަމަ މާލޭގައި ތަރާވީސް ނަމާދެއް ނޯންނާނެ. ފިތުރު ޒަކާތް ބަލައިގަތުން މިހާރު މިއޮތީ އޮންލައިންކޮށް ބަލައިގަންނަ ގޮތަށް. ފަގީރުންގެ ލިސްޓް އޮންނާނީ މިހާރު ލިބިފައި. އެ ބައި އޮންލައިންކޮށް އެ ބޭފުޅުންގެ އެކައުންޓަށް ޖަމާކޮށްލާނެ.
މަބްރޫކް: ޑޮކްޓަރުންނާއި ނަރުހުންގެ ދަތިކަމާ އެކު އިތުރު ކަރަންޓީން ފެސިލިޓީއެއް މިހާރު ހެދޭކަށް ނެތް. ޕޮޒިޓިވް ވަ ކޭސްތަކާ އެކު އެ ބޭފުޅުން މިހާރު އެކުރައްވަނީ ވަރަށް ބުރަ މަސައްކަތެއް. އަޅުގަނޑުމެން ބޭނުންވޭ ރާއްޖެއިން ބޭރުގައި ހުރިހާ ހިސާބެއްގައި ވެސް ތިބި ދިވެހިން ބޭރުން ގެންނަން. އެކަމަށް މަސައްކަތް ވެސް އެބަ ކުރެވޭ. އެކަމަކު އެ މީހުން ބޭތިއްބޭނެ ޖާގަ މިހާރު މި ލިބެނީ މިހާރު ހުރި ކަރަންޓީން ފެސިލިޓީން ބަޔަކު ދޫކޮށްލައިގެން.
މިރޭގެ މީޑިއާ ބްރީފިންގައި އެޗްޕީއޭގެ ޑރ. އަފްޒަލް ނޫސްވެރިއެއްގެ ސުވާލަކަށް ޖަވާބު ދެއްވަނީ.
ޑރ. އަފްޒަލް: ބައެއް މީހުން ކުރިން މި ބަލި ޖެހިފައި ވެސް ތިބެދާނެ. އެހެންވެ ކޮންމެހެން ހަދަން ވެއްޖެ މީހެއްގެ ވިއްޔާ އެ މީހުންގެ އެންޓި ބޮޑީ ޓެސްޓް ވެސް ހަދާނަން.
މިރޭގެ މީޑިއާ ބްރީފިންގައި މަބްރޫކް ނޫސްވެރިއެއްގެ ސުވާލަކަށް ޖަވާބު ދެއްވަނީ.
މިރޭގެ މީޑިއާ ބްރީފިންގައި އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވާހަކަ ދައްކަވަނީ.
ޑރ. އަފްޒަލް: ޕޮޒިޓިވް ވާ މީހުންގެ އަދަދު އަޅުގަނޑުމެން ކަންބޮޑުވާނީ ދުވަހުން ދުވަހަށް އިތުރުވަންޏާ. މިހާރު ފެންނަ ރޭޓަކީ ސްޓޭބަލް ހާލަތެއް. ނުފެނިހުރި ކޭސްތައް ފެންނަ ގޮތަކުން ދެން އިތުރަށް އެނގޭނީ.
މިރޭގެ މީޑިއާ ބްރީފިންގައި އެޗްޕީއޭގެ ޑރ. އަފްޒަލް ނޫސްވެރިއެއްގެ ސުވާލަކަށް ޖަވާބު ދެއްވަނީ.
މަބްރޫކް: ލެބޯޓަރީއާ ހަމައަށް ސާމްޕަލް އައުމަށް ފަހު ޓެސްޓް ކުރުމުގައި މިވަގުތު އުނދަލެއް ނެތް. އެކަމަކު މިހާރު ވެސް ސާމްޕަލް ނަގަން ބޭނުންވާ ބައެއް އެބަތިބި މިހާރު ވެސް. އެކަމަކު އޭގެ ފަހުން ހަ ގަޑިއިރު ވަންދެން ވެސް ނުދެވި އެބަހުރި. އިއްޔެ އެކަމުގައި ލަސްތަކެއް ހިމެނޭ. އަޅުގަނޑުމެން އެންމެ ބޮޑަށް އިސްކަން ދެނީ ހައި ރިސްކު މީހުންނަށް. އޭގެ ފަހުން ސެކަންޑްރީ އަށް ދަނީ.
މަބްރޫކް: މިވަގުތު ރާއްޖޭގައި ހުރީ 97 ވެންޓިލޭޓަރު. އޭގެ އިތުރުން ގެންނަން 135 ވެންޓިލޭޓަރު ގެންނަން އެއްބަސްވުން ހަދާފައި ހުރީ. މަސައްކަތް ކުރަމުން ދަނީ އިތުރަށް ގެންނަ އެއްޗެހި 200 އާ ހަމަކުރުން.
ޑރ. އަފްޒަލް: ވޭތުވެދިޔަ ހަތަރު ދުވަހަށް ބަލާއިރު ދުވާލަކަށް 4 ކޭސް މި ފެނުނީ. އެއްވަރަކަށް މި ފެންނަނީ ގާތްގަނޑަކަށް. އެވްރެޖްކޮށް ކޮންމެ މީހެއްގެ ކޮންޓެކްޓް މި ދަނީ 70 އަށް. މިއީ އަޅުގަނޑުމެން ވިސްނައިގެން ތިބި ވަރު ގާތްގަނޑަކަށް.
ޑރ. އަފްޒަލް: ޑެލިވަރީ ކުރާ މީހުންނާ އެކަހެރިކޮށް މުއާމަލާތު ކުރެވޭތޯ ބައްލަވާ. ދުރުމިނެއް ބަހައްޓަން އެދެން އެ މީހުންނާ. ސަބަބަކީ އެއީ އެ މީހާ އާއި ތިމާ އަށް ވެސް ރައްކާތެރި ގޮތް.
ޑރ. އަފްޒަލް: މިހާ ގިނައިން ކޭސް ފެންނަނީ ކީއްވެގެންތޯ ސުވާލަކީ. އޭގެ ޖަވާބަކީ ކޮންޓެކްޓް ޓްރޭސިންގެ ތެރެއިންނޭ އެ ފެނިގެން ދަނީ. އެކަމަކު ރަނގަޅަށް މައުލޫމާތު ދީފިއްޔާ އަދިވެސް ފެންނަ ނަންބަރުތައް މަދުކުރެވިދާނެ. އެހެންވީމަ ލޮކްޑައުންގެ ހާލަތުގައި މި ދޭ މައުލޫމާތުތައް ބަލައިގަނެ ކެތްތެރިވުން.
އަހުމަދު ޒާހިރު: ޒިކުރުކުރަން ޖެހޭ. ހެނދުނާއި ހަވީރު ކިޔާ ދުއާތައް ކިޔަން ޖެހޭ. ގޭގައި ތިބޭއިރު އެކަކު އަނެކަކަށް އަޅާލަން ޖެހޭ. މިދަނޑިވަޅުގައި ދީނުގައި އަންގަވާފައިވާ ކަންކަމަށް އެބަ ޖެހޭ ހާއްސަ ސަމާލުކަމެއް ދޭން. ސާފުތާހިރުކަން ބަހައްޓަން ޖެހޭ.
އިސްލާމިކް މިނިސްޓަރު އަހުމަދު ޒާހިރު: ޖަމާއަތުގައި ނަމާދުކުރުން މެދުކަނޑާލަން ނާންގާ ހިނދަކު އެއްވެސް ރަށެއްގައި މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުން ހުއްޓާލައިގެން ނުވާނެ. މި ހާލަތަކީ އެއްބަޔަކު އަނެއް ބަޔަކަށް އެހީތެރިކަން ފޯރުކޮށްދޭންވީ ހާލަތު.
މަބްރޫކް ވަނީ ތިން ކްލަސްޓާގެ ތަފުސީލުތައް ވެސް ދެއްވާފައި. އަދި އެ އެންމެންގެ އުމުރާއި ޖިންސް ވެސް ވިދާޅުވެފައިވޭ. މިހާތަނަށް ޕޮޒިޓިވްވި ގިނަ މީހުންނަކީ އަންހެނުން.
މަބްރޫކް: ތިން ކްލަސްޓާއެއް ހިމެނޭ. މީގެ ތެރޭގައި ތިން ކުޑަކުދިން ހިމެނޭ، އަދި މާބަނޑު މީހަކު ހިމެނޭ. އުމުރުން ދުވަސްވީ މީހަކު ނުހިމެނޭ. މީގެ ތެރޭގައި އެއް މަންމަ އާއި ބައްޕަ އާއި ދަރިފުޅަކު، އަދި މަންމަ އާއި ދަރިފުޅަކު ވެސް ހިމެނޭ.
މަބްރޫކް: 90 އަށް ވުރެ ގިނަ މީހުން މަގުމަތިން މިއަދު ހިފަހައްޓާފައި. އެކަކު ވަނީ ޖޫރިމަނާ ކޮށްފައި.
މަބްރޫކް: ޖަލުތަކުން ރައީސް މިއަދު އަދަބު ލުއިކޮށްދިން މީހުން ވަނީ ޖަލުން ދޫކޮށްލައިފައި.
މަބްރޫކް: 2056 ޑެލިވަރީ ލައިސަންސް މިހާތަނަށް ވަނީ ދޫކޮށްފައި. މީގެ އިތުރުން ރެޑްކްރެސެންޓާ ގުޅިގެން ފުލުހުން ގެންދަނީ ބިދޭސީންނަށް ކާތަކެތި ޑެލިވަރީކޮށްދެމުން އެބަދޭ. އެސްޓީއޯގެ ޑެލިވަރީގައި މިހާރު 51 މީހަކު ކޮންމެ ޝިފްޓެެއްގައި އެބައުޅޭ. އޭގެ ތެރޭގައި ސިފައިން ވެސް ހިމެނޭ. އެކަމަކު މިހާރު ވެސް މީގައި ލަސްތަކެއް އެބަ އުޅޭ. އެކަން ހައްލު ކުރެވޭތޯ އެބަ ބަލަމުން ދަން.
ނެޝެނަލް އިމަޖެންސީ ސެންޓަރުން ބާއްވާ ނޫސްވެރިންގެ ބައްދަލުވުން ދަރުބާރުގޭގައި ދެންމެ ފަށައިފި. މި ބައްދަލުވުމުގައި މައުލޫމާތު ދެއްވަނީ ސަރުކާރުގެ ތަރުޖަމާނު މަބްރޫކް އަޒީޒާއި އިސްލާމިކް މިނިސްޓަރު އަހުމަދު ޒާހިރު އަދި ޑރ. އަފްޒަލް.
ހޯމް މިނިސްޓްރީން ނެރުނު ނޫސްބަޔާނުގައި ބުނީ، 105 ގައިދީއެއްގެ އަދަބު ލުއިކޮށްދޭން ރައީސް ނިންމެވީ ކޮރޯނާވައިރަހުގެ ނުރައްކާ ރާއްޖެ އަށް އިންތިހާ އަށް ބޮޑުވެފައިވާތީ، ޖަލުތަކުގައި މަސައްކަތް ކުރާ މުވައްޒަފުންގެ ސިއްހީ ރައްކާތެރިކަމަށްޓަކައި އަޅަމުން އަންނަ ފިޔަވަޅުތަކުގެ ތެރެއިން ކަަމަށް. ރައީސް އެ ނިންމެވުން ނިންމަވާފައި ވަނީ މާފު ދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނަށް ރިއާޔަތްކޮށް، ވަކި އުސޫލެއްގެ ތެރެއިން ކަމަށް ހޯމް މިނިސްޓްރީން ބުނޭ. އޭގެ ތެރޭޭގައި ހިމެނެނީ ރިހިބިލިޓޭޓްކޮށް އަލުން މުޖުތަމައަށް ނެރުމުގެ ޕްރޮގްރާމްތަކުގައި ބައިވެރިވެ، އޭގެ ނަތީޖާ އާއި ސިއްހީ ނުރައްކަލުގެ މި ކުއްލި ހާލަތުގައި އެ ގައިދީން ދިރިއުޅޭނެ ތަންތަނުގެ ހާލަތާއި އެ މީހުންގެ ފަރާތުން މުޖުތަމައަށް ނުރައްކާ އޮތް މިންވަރާއި އެ މީހުން ކޮށްފައިވާ ކުށުގެ ބާވަތާއި އެހެން ކަންކަން
ނޫސްބަޔާން: ސިއްޙީ ކުއްލި ނުރައްކަލުގެ ހާލަތުގައި، ރައްކާތެރިކަމަށްޓަކައި އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން ޖަލުތަކުގައި ޙުކުމް ތަންފީޒުކުރަމުންދާ 105 މީހަކަށް ރައީސުލްޖުމްހޫރިއްޔާ އަދަބު ލުއިކޮށްދެއްވައިފި.
— Home Ministry, MV (@HomeMinistrymv) April 18, 2020
Ministry of Home Affairs https://t.co/3fsiJpnSbe pic.twitter.com/WikgtTiWH2
ހޯމް މިނިސްޓްރީގެ ނޫސްބަޔާން
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، 105 ގައިދީއެއްގެ އަދަބު މިއަދު ލުއިކޮށްދެއްވައިފި ކަމަށް ހޯމް މިނިސްޓްރީން ބުނެފި.
ފޮރިން މިނިސްޓްރީން ބުނީ، އެ ދަރިވަރުން ރާއްޖެ ގެންނަނީ ދިވެހި ސަރުކާރާއި ބަންގްލަދޭޝްގެ ސަރުކާރާ އެކު ކުރި މަޝްވަރާތަކަށް ފަހު، އެ ގައުމުގެ އަސްކަރީ މަތިންދާބޯޓެއްގައި ކަމަށް. "މި މަތިންދާބޯޓުން ރާއްޖެ އަށް ގެނައުމަށްޓަކައި، ނޭޕާލުގައި ތިބި 18 ދިވެހިން އާދިއްތަ ދުވަހު ނޭޕާލުން ބަންގްލަދޭޝްގެ ވެރިރަށް ޑާކާ އަށް ދަތުރުކުރާނެ އެވެ. އަދި މި ފްލައިޓުން ރާއްޖެ އަށް އަންނަ ދިވެހިން ތިބީ ބަންގްލަދޭޝްގެ އެކި ހިސާބުތަކުގައި ކަމުން، އެ މީހުން ވެރިރަށް ޑާކާ އަށް ގެންދިޔުމުގެ މަސައްކަތް އިއްޔެ އިން ފެށިގެން ބަންގްލަދޭޝްގެ އަސްކަރިއްޔާ އިން ދަނީ ކުރަމުންނެވެ،" ފޮރިން މިނިސްޓްރީގެ ބަޔާނުގައި ވެ އެވެ.
ބަންގްލަދޭޝް އާއި ނޭޕާލްގައި ތިބި ބައެއް ދަރިވަރުން އަންނަ ހޯމަ ދުވަހު ރާއްޖެ ގެންނަން މަސައްކަތް ކުރާ ކަމަށް ފޮރިން މިނިސްޓްރީން ދެންމެ ބުނެފި. މީގެ ތެރޭގައި ހިމެނެނީ ނޭޕާލުން އަންނަ 18 އަދި ބަންގްލަދޭޝުން އަންނަ 51 ދިވެހިން ކަމަށް އެ މިނިސްޓްރީން ބުނޭ.
We will be requesting information for contact tracing either through our official social media accounts or via the relevant government procedures in place.
— Health Protection Agency (@HPA_MV) April 18, 2020
We urge the public to stay vigilant and we are thankful for the continuous support we have received thus far.
Thank you.
އެޗްޕީއޭގެ ޓުވީޓް
އެޗްޕީއޭ: ކޮންޓެކްޓް ޓްރޭސިން ހެދުމަށް އެދޭނީ އަޅުގަނޑުމެންގެ ރަސްމީ ސޯޝަލް މީޑިއާ އެކައުންޓުތައް ނުވަތަ ސަރުކާރުގެ ކަމާ ގުޅޭ ޕްރޮސީޖާތަކުގެ ތެރެއިން. އަޅުގަނޑުމެންގެ އިރުޝާދުތަކަށް ތަބާވުމަށް އިލްތިމާސް ކުރަން އަދި މިހާތަނަށް ރައްޔިތުންގެ ފަރާތުން މެދުކެނޑުމެއް ނެތި ލިބެމުން އަންނަ އެއްބާރުލުމަށް ޝުކުރު ދަންނަވަން.
ޒަރޫރީ ބޭނުމެއްގައި ނޫން ގޮތަކަށް އެއް ރަށުން އަނެއް ރަށަށް ދިއުން އިއްޔެ ހަވީރު 6:00 ން ފެށިގެން އެޗްޕީއޭ އިން ވަނީ މަނާކޮށްފައި. އަދި ގިނަ މީހުން ބައިވެރިވެގެން ބާއްވާ އެއްވުންތައް ބޭއްވުން ވެސް މުޅި ރާއްޖޭގައި މަނާ. ހާއްސަކޮށް، ޕާޓީތަކާއި ހަފްލާތައް ބޭއްވުމާއި މާހެފުމާއި ދަތުރު ދިއުމާއި މޫދަށް އެރުމާއި ކުޅިވަރު ކުޅުން އަދި އިޖުތިމާއީ އެނޫން ހަރަކާތްތައް ބޭއްވުން ވެސް ހުއްޓާލަން ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ވަނީ އަންގަވާފައި. ޒަރޫރީ ބޭނުމެއްގައި ނޫނީ އެއް ރަށުން އަނެއް ރަަށަށް ދިއުން މަނާކުރިއިރު، މިދިޔަ ބުދަ ދުވަހުން ފެށިގެން މާލެ އާއި ހުޅުމާލެ އާއި ވިލިމާލެ ވަނީ ލޮކްޑައުންކޮށްފައި. ލޮކްޑައުންގެ މުއްދަތު ހަމަވާނީ އަންނަ މަހުގެ 1 ގެ ނިޔަލަށް.
ސަރުކާރުގެ އެއްވެސް އިދާރާއެެއްގެ ހުއްދަ ނުހޯދައި، ރިސޯޓަކުން މުވައްޒަފުންތަކެއް ގޮވައިގެން އައްޑޫ ހިތަދު އަށް މިއަދު ހެނދުނު ދިޔަ ލޯންޗެއްގެ ކެޕްޓަން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި ކަމަށް ފުލުހުން ބުނެފި. ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި އެޅި ފިޔަވަޅުތަކުގެ ތެރެއިން، އެއް ރަށުން އަނެއް ރަށަށް މީހުން އެރުމާއި ފޭބުން އެޗްޕީއޭ އިން މިހާރު އޮތީ މަނާކޮށްފައި.
ކޮރޯނާވައިރަސް އެންމެ ބޮޑަށް ފެތުރެނީ ގިނަ ބަޔަކު އެއްފަހަރާ އެއް ތަނަކަށް އެއްވުމުން ކަމަށް ސިއްހީ މާހިރު ވިދާޅުވާއިރު، އެކަން ހުއްޓުވުމަށް ސަރުކާރުން އަންނަނީ މިދިޔަ މަހުން ފެށިގެން ފިޔަވަޅުތަކެއް އަޅަމުން. އެގޮތުން މާލެ އާއި ވިލިމާލެ އާއި ހުޅުމާލޭގެ މިސްކިތްތަކުގައި ވެސް ޖަމާއަތުގައި ނަމާދު ކުރުމާއި ހުކުރު ނަމާދު ކުރުން މިދިޔަ މަހުގެ 18 ން ފެށިގެން ވަނީ މެދުކަނޑާލާފައި. އައްޑު އާއި ފުވައްމުލަކަކީ، މާލެ ސަރަހައްދު ފިޔަވައި އެހެން ސިޓީއެއްގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދާއި ހުކުރު ކުރުން މެދުކަނޑައިލަން އިސްލާމިކް މިނިސްޓްރީން ނިންމި ފުރަތަމަ ދެ ސިޓީ.
އައްޑޫ ސިޓީއާއި ފުވައްމުލައް ސިޓީ ހިމެނޭ ގޮތަށް މިސްކިތުގެ ޖަމާޢަތުގައި ނަމާދު ނުކުރާ ގޮތަށް ވަނީ ނިންމާފަ. #COVID19MV pic.twitter.com/3IGO1IwNXT
— Ministry of Islamic Affairs (@MVIaffairs) April 18, 2020
އިސްލާމިކް މިނިސްޓްރީގެ ބަޔާން
މިއަދުގެ މަޣްރިބް ނަމާދުން ފެށިގެން އަންނަ ބުރާސްފަތި ދުވަހުގެ އަސްރު ނަމާދާ ހަމައަށް އައްޑު އާއި ފުވައްމުލަކުގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ނުކުރުމަށް އިސްލާމިކް މިނިސްޓްރީން ނިންމައިފި. މިއީ ކޮރޯނާވައިރަސް ފެތުރުނަ ނުދިނުމަށްޓަކައި ސަރުކާރުން އެޅި ފިޔަވަޅެއް.
މާލެގެ ފިހާރަތަކަށް STO އިން ހަނޑޫ، ހަކުރު އަދި ފުށް ޑެލިވަރީ ކުރުމުގެ މަސައްކަތްދަނީ ބާރަށް ކުރިޔަތް.#StayAtHomeSaveLives pic.twitter.com/fH7zUCAIjN
— #StayHomeSaveLives (@Simwarr) April 18, 2020
އެެސްޓީއޯގެ މުވައްޒަފުން ކާޑު ސަޕްލައި ކޮށްދިނުމުގައި.
ސަރުކާރުން އަދި އެސްޓީއޯ އިން އެންމެ ފުރަތަމަ ދުވަހު ވެސް ބުނަމުން އަންނަނީ ކާޑުގެ ބާވަތްތަކާއި ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ތަކެތި ހުސްނުވެ ލިބޭނެ އިންތިޒާމު ހަމަޖައްސާނެ ކަމަށް. ކާޑުގެ ބާވަތްތައް ހުސްނުވެ ލިބޭނެ ކަމުގެ ޔަގީންކަން ސަރުކާރާއި އެސްޓީއޯ އިން ވަނީ ދީފައި. އަދި ރާއްޖެ އިން ބޭރުން ގެންނަ ކާޑުގެ ސްޓޮކް އިތުރު ކުރުމުގެ މަސައްކަތް ވެސް ސަރުކާރުން އަންނަނީ ކުރަމުން.
Our team has commenced the delivery of Staples to Supermarkets, Corner shops and Dhoanis within Greater Male' area. Maintaining a sustainable food security during this #pandemic is our top priority. #TeamSTO pic.twitter.com/3PQFnlJjZ5
— STO Plc (@stoplc) April 18, 2020
އެސްޓީއޯގެ ޓުވީޓް
އެސްޓީއޯ އިން މާލޭގެ ފިހާރަ އަކަށް ކާޑުގެ ބާވަތްތައް މިއަދު ސަޕްލައި ކޮށްދެނީ.---ފޮޓޯ: އެސްޓީއޯ
އެސްޓީއޯ: މާލޭ ސަރަހައްދުގެ ފިހާރަތަކަށް ކާޑުގެ ބާވަތްތައް ސަޕްލައި ކޮށްދިނުން ވަރަށް ބާރަށް ކުރިއަށް އެބަދޭ. ކަންމަތީ ފިހާރަތަކުގެ އިތުރުން ރަށްރަށުގެ ދޯނިތަކަށް ވެސް ކާޑުގެ ބާވަތްތައް މިދަނީ ގެންގޮސް ދެމުން. ކޮވިޑް-19 ގެ މި ދުވަސްކޮޅު ކޮންމެހެން ބޭނުންވާ ކާނާގެ ބާވަތްތައް ފޯރުކޮށްދިނުމަކީ އަޅުގަނޑުމެން އެންމެ އިސްކަންދޭ ކަންތައް.
މާލެ އިން ކޮރޯނާވައިރަހަށް 14 މީހަކު މިހާތަނަށް ޕޮޒިޓިވްވިއިރު، އޭގެ ތެރެއިން އެކަކީ ރާއްޖޭގައި މަސައްކަތް ކުރާ ބަންގްލަދޭޝްގެ ފިރިހެނެއް. އެއީ ދިވެއްސަކާ ކައިވެނި ކޮށްގެން ރާއްޖޭގައި ދިރިއުޅޭ މީހެއް. ކޮވިޑް-19 ގެ ތަރުޖަމާން މަބްރޫކް ވިދާޅުވި ގޮތުގައި، ބަންގްލަދޭޝްގެ މި މީހާ އަކީ އެހެން ބައެއް ބިދޭސީން ގޮތަށް ތޮއްޖެހިގެން ލޭބާ ކުއާޓާއެއްގައި އުޅޭ މީހެއް ނޫން ކަމަށް. ރާއްޖެ އިން ކޮރޯނާވައިރަސް އަށް ޕޮޒިޓިވްވި މީހުންގެ އަދަދަކީ މިހާރު 34.
ކޭސް 34#ކޯވިޑް19 އަށް ޕޮޒިޓިވް ވި ދިވެއްސެއްގެ (ކޭސް:27) ގެ ޑައިރެކްޓް ކޮންޓެކްޓެއްގެ ފަރާތުން ބަލީގެ އަލާމާތްތައް ފެނި، ހެދި ޓެސްޓުގެ ނަތީޖާވަނީ ޕޮޒިޓިވް ވެފައި.
— Health Protection Agency (@HPA_MV) April 18, 2020
އެޗްޕީއޭގެ ޓުވީޓް.
މާލެ އިން 14 ވަނަ މީހާ ވެސް ޕޮޒިޓިވް ވެއްޖެ ކަމަށް އެޗްޕީއޭ އިން ދެންމެ ބުނެފި. އެއީ ކޭސް 27 ގެ ޑައިރެކްޓް ކޮންޓެކްޓެއް.
މާލެ އިން 13 ވަނަ މީހަކު ކޮރޯނާވައިރަސް އަށް ޕޮޒިޓިވްވެއްޖެ ކަމަށް އެޗްޕީއޭ އިން ދެންމެ ބުނެފި. އެ ދިވެހި މީހާ އަކީ ކޭސް 28 އާ ސީދާ ގުޅުން ހުރި މީހެއް ކަމަށް އެޗްޕީއޭ އިން ބުނޭ. މިހާތަނަށް ރާއްޖެ އިން މިވަނީ ކޮރޯނާވައިރަހަށް 33 މީހަކު ޕޮޒިޓިވް ވެފައި. ކޭސް 28 އަކީ އިއްޔެ ހަވީރު މާލެ އިން ޕޮޒިޓިވް ވި ދިވެހި މީހާ.
ސިފައިންނާއި ފުލުހުންނަކީ މިފަދަ ކޮންމެ އޮޕަރޭޝަނެއްގައި މިހާތަނަށް އެންމެ އިސް ސަފުގައި ހަރަކާތްތެރިވަމުން އަންނަ ބައެއް. ދިވެހިންގެ އެތައް ބަޔަކު ރޮއްވައިލި ޑިސެމްބަރު 26، 2004 ގެ ސުނާމީ ކާރިސާ އާއި އޭގެ ކުރިންނާއި ފަހުން ހިނގި ބޮޑެތި ކަންތައްތަކުގައި ސަރުކާރަށާއި ރައްޔިތުންގެ ފުރާނަ އާއި މުދާތައް ސަލާމަތް ކުރުމާއި އެހީތެރިވުމުގައި އިސްކޮށް އުޅެފައިވަނީ ސިފައިން. ކޮވިޑް-19 އާ ގުޅިގެން ވެސް ހަމަ ފެނިފައި ވަނީ މި މަންޒަރު. އެކި ރިސޯޓުތަކާއި ބައެއް ރަށްރަށުގައި ހެދި ކަރަންޓީން ފެސިލިޓީތައް އޮޕަރޭޓް ކުރުމުގައި އިސްވެ ތިބީ ސިފައިން. އަދި ބައެއް ކަރަންޓީން ފެސިލިޓީތައް ހެދުމާއި މަރާމާތު ކުރުމުގައި ވެސް ސިފއިންގެ ދައުރު ބޮޑު. އެއާ އެކު، ކަންކަން ހަމަޔަކަށް އެޅުވުމުގައި ފުލުހުން ވެސް އަންނަނީ ކޮވިޑް-19 އާ ގުޅިގެން ވަރަށް ބޮޑަށް އެހީތެރިވަމުން.
މާލޭގެ ގޭގެ އަށް ތާޒާ ފެން ޑެލިވަރީ ކުރުމުގައި ފުލުހުންތަކެއް ރޭ މަސައްކަތުގައި: ކޮވިޑް-19 އާ ގުޅިގެން ފުލުހުން ވެސް ތިބީ އެލާޓްގައި.---ފޮޓޯ؛ ޕޮލިސް
އެސްޓީއޯގެ ޑެލިވަރީތައް ގޭގެ އަށް ގެންގޮސްދިނުމަށް ސިފައިންތަކެއް ރޭ ނުކުންނަނީ.---ފޮޓޯ: އަހުމަދު އަވްޝަން/މިހާރު
މާލެ އިން ކޮވިޑް-19 ގެ މީހުން ފެނުމާ ގުޅިގެން، މިހާރު ހިންގާ އޮޕަރޭޝަންގައި ސިފައިންނާއި ފުލުހުން އަންނަނީ ފުޅާ ދާއިރާއެއްގައި އެހީތެރިވަމުން. އެގޮތުން އެސްޓީއޯގެ ޑެލިވަރީގެ ޚިދުމަތް ދިނުމުގައި ސިފައިން، ތާޒާ ފެން ގޭގެ އަށާއި ފިހާރަތަަކަށް ގެންގޮސް ދިނުމުގައި ފުލުހުން ވަނީ ހަރަކާތްތެރިވެފައި. މީގެ އިތުރުން 300 އަށް ވުރެ ގިނަ ވޮލަންޓިއަރުން މިހާރު ވެސް ހުށަހަޅާފައިވާ ކަމަށް ޔޫތް މިނިސްޓަރު މަހްލޫފް މިއަދު ވިދާޅުވި.
ސިފައިންގޭގައި ކުރިން އުޅުނު މީހުންނަށް ކޮވިޑް-19 ގެ އޮޕަރޭޝަންގައި ވޮލަންޓިއަރުންގެ ގޮތުގައި މަސައްކަތް ކުރުމުގެ ފުރުސަަތު އެމްއެންޑީއެފުން މިއަދު ހުޅުވާލައިފި. މިލިޓަރީ ވެޓެރަންސްގެ މީހުންގެ ތެރެއިން ވޮލަންޓިއާ ކުރަން ބޭނުންވާ މީހުން ފޯނުން ގުޅައި އަދި އީމެއިލް މެދުވެރިކޮށް ނަން ނޯޓު ކުރުމަށް އެމްއެންޑީއެފުން އެދޭ. ފޯން ނަމްބަރަކީ: 3323708 ، 3322496 އީމެއިލް:[email protected]
މާލެ އިން ބަންގްލަދޭޝް މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމަކީ ގިނަ ބައެއްގެ ކަންބޮޑުވުން އޮތް ކަމެއް. ކުދި ތަންތަންކޮޅުގައި 50 މީހުން ވެސް ތޮއްޖެހިގެން ދިރިއުޅޭއިރު، އެކަކު ޕޮޒިޓިވްވުން އެއީ އެތައް ބަޔަކަށް ނުރައްކާ އޮތް ކަމެއް. އެކަމަކު، ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގެ ތަރުޖަމާން، މުހައްމަދު މަބްރޫލް ވިދާޅުވީ މާލެ އިން ކޮވިޑް-19 އަށް ޕޮޒިޓިވްވި ބަންގްލަދޭޝް މީހާ އަކީ ލޭބަ ކުއާޓާއެއްގައި ދިރިއުޅޭ މީހެއް ނޫން ކަމަށް. އެނގިފައިވާ ގޮތުގައި، އެ މީހާ އަކީ ދިވެއްސަކާ ކައިވެނިކޮށްގެން އުޅޭ މީހެއް.
މިއަދަކީ ދިވެހި ޑޮކްޓަރުންގެ ދުވަސް. މިއަދު ދިވެހި ޑޮކްޓަރުން ތިބީ އެ މީހުންގެ މުޅި ހަޔާތުގައި ވެސް އަދި ރާއްޖޭގެ މުޅި ތާރީޚުގައި ވެސް ކުރިމަތިނުވާ ބޮޑު ބަލިމަޑުކަމެއްގެ ތެރޭގައި. އެހާމެ ނުރައްކާތެރި އަދި އެހާމެ ބާރަށް ފެތުރޭ ކޮރޯނާވައިރަސް އާއި އެ ވައިރަސްއިން ޖައްސާ ކޮވިޑް-19 ބަލި ކޮންޓްރޯލްކުރުމުގެ މަސައްކަތުގައި. "ޑޮކްޓަރުންގެ ދުވަސް: ދުވަހަކު ނުއުފުލާ ބޮޑު ޒިންމާއަކާ އެކު" މި ހަބަރު ކިޔާލާ.
ވެރިރަށް މާލެ، ގާތްގަނޑަކަށް ދެ ލައްކައެއްހާ މީހުންނާ އެކު ލޮކްޑައުންގައި އޮންނަތާ މިއީ ތިން ވަނަ ދުވަސް. ގެއަށް ބޭނުންވާ އަސާސީ ބައެއް އެއްޗެހި ވެސް ނުލިބި، ހޯދޭނެ ގޮތެއް ނެތިގެން، އެތައް ބަޔަކު ތިބީ ހިތްހަމަނުޖެހިފައި. އެކަމަކު މުޅި ދުނިޔޭގެ ހާލަތަށް ބަލާއިރު ބޮޑެތި ސިޓީތައް ވެސް ލޮކްޑައުންގައި ތަހައްމަލްކުރަމުން ދަނީ މިކަހަލަ ދަތި، އަދި އެހާމެ ހިތްދަތި ތަޖުރިބާތައް. ހިތްވަރުދިނުމުގެ ގޮތުން ސޯޝަލް މީޑިއާގައި އެކި މީހުން، ތަފާތު އެކި މެސެޖްތައް ހިއްސާކުރަމުން އެބަ ދޭ. އޭގެ ތެރޭގައި، ދީނީ އިރުޝާދުތަކުން ފެށިގެން ލިބެން ހުރި އެއްޗަކުން ފުއްދާލުމާއި ކަސްރަތުކުރުން ފަދަ މައުލޫމާތު ހިމެނޭ.
މާލޭގައި ކުދިކުދި ތަންތަނުގައި ދިރިއުޅޭ ބިދޭސީން އެ އަށް ވުރެ ރަނގަޅު ތަންތަަނަށް ބަދަލުކުރުމަށް ފަށާފައިވާ ޕްރޮގްރާމްގެ ތެރެއިން ހުޅުމާލޭގައި ހަދާ ވަގުތީ ތަންތަނުގެ އަމަލީ މަސައްކަތް މި މަހުގެ 12 ގައި ކުރިއަށް ގެންދަނީ.---ފޮޓޯ: މާލޭ ސިޓީ ކައުންސިލް
މާލެ އިން ފުރަތަމަ ފަހަރަށް ބަންގްލަދޭޝްގެ މީހަކު ކޮރޯނާވައިރަހަށް ޕޮޒިޓިވް ވިއިރު، ކުދިކުދި ތަންތަނުގައި ދިރިއުޅޭ ބިދޭސީން އެ އަށް ވުރެ ރަނގަޅު ތަންތަނަށް ބަދަލު ކުރުމުގެ މަސައްކަތް ސަރުކާރުން ވަނީ މީގެ ހަފުތާއެއްހާ ދުވަސް ކުރިން ފަށާފައި. އެ މީހުންނަށް ހުޅުމާލެ ފޭސް 2 އާއި ގުޅީފަޅަށް. ހުޅުމާލެ ފޭސް 2 ގައި ބިދޭސީންނަށް ޚާއްސަ ކޮށްގެން ވަގުތީ ތަންތަން ހެދުމުގެ މަސައްކަތް ވެސް ސަރުކާރުން ވަނީ ފަށާފައި. ކޮވިޑް-19 އާ ގުޅިގެން، މާލޭ ސިޓީ ކައުންސިލުން ވަނީ މާލޭގައި ބިދޭސީން އުޅޭ ތަންތަނުގެ ހާލަތު ބަލައި ސާވޭއެއް ހަދާފައި. ސިޓީ ކައުންސިލުން ބުނެފައިވާ ގޮތުން ވަރަށް ކުދިކުދި ތަންތަނުގައި ބިދޭސީން ތޮއްޖެހިގެން ދިރިއުޅެނީ ވަރަށް ހާލުގައި.
ރާއްޖެ އިން މިހާތަނަށް 32 މީހަކު ކޮރޯނާވައިރަހަށް ވަނީ ޕޮޒިޓިވް ވެފައި. މާލެ އިން ވަނީ 11 ދިވެހިންނާއި ބަންގްލަދޭޝްގެ އެކަކު ޕޮޒިޓިް ވެފައި. އަދި ރާއްޖެ އިން ބޭރުން އައި ފަސް ދިވެއްސަކު ވެސް ކޮރޯނާވައިރަހަށް ޕޮޒިޓިވް ވެފައިވޭ. މީގެ އިތުރުން 15 މީހުންނަކީ ޓޫރިސްޓުން/ބިދޭސީން. އެ 15 މީހުންގެ ތެރޭގައި ހިމެނެނީ ކުރެއްދޫ އައިލެންޑް ރިސޯޓުގައި މަސައްކަތް ކުރާ ދެ ބިދޭސީން. އެއީ ތުރުކީގެ ޑޮކްޓަރަކާއި އެ ރިސޯޓުގެ އެހެން ބިދޭސީ މުވައްޒަފެއް.
އެޗްޕީއޭ އިން ބުނީ، ބަންގްލަދޭޝްގެ މީހާ ޕޮޒިޓިވްވިކަން އެނގުނީ އޭނާގެ ފަރާތުން ކޮވިޑް-19 ގެ އަލާމާތްތަކެއް ފެނިގެން ޓެސްޓް ކުރުމުން ކަމަށް.
ކޭސް 32#ކޯވިޑް19 އަށް ޕޮޒިޓިވް ވި ދިވެއްސެއްގެ (ކޭސް:30) ގެ ޑައިރެކްޓް ކޮންޓެކްޓެވި ބަންގްލަދޭޝް މީހެއްގެ ބަލީގެ އަލާމާތްތައް ފެނި، ހެދި ޓެސްޓުގެ ނަތީޖާވަނީ ޕޮޒިޓިވް ވެފައި.
— Health Protection Agency (@HPA_MV) April 18, 2020
އެޗްޕީއޭގެ ޓުވީޓް
އެޗްޕީއޭ އިން ބުނީ ބަންގްލަދޭޝްގެ މީހާ އަކީ މިއަދު ފުރަތަމަ ޕޮޒިޓިވްވި ކޭސް 30 ގެ ޑައިރެކްޓް ކޮންޓެކްޓެއް ކަމަށް. ކޭސް 30 އަކީ ކޮރޯނާވައިރަހަށް އިއްޔެ ޕޮޒިޓިވްވި ކޭސް 27 އާ ސީދާ ގުޅުމެއް އޮތް މީހެއް.
ރާއްޖޭގައި މަސައްކަތް ކުރާ ބަންގްލަދޭޝްގެ މީހަކު ކޮރޯނާވައިރަހަށް ޕޮޒިޓިވްވެއްޖެ ކަމަށް އެޗްޕީއޭ އިން ދެންމެ ބުނެފި.
މިހާތަނަށް ރާއްޖެ އިން ވަނީ ކޮރޯނާވައިރަހަށް 31 މީހަކު ޕޮޒިޓިވް ވެފައި. އޭގެ ތެއިން 16 މީހުންނަކީ ދިވެހިން. އެއީ މާލެ އިން ފެނުނު 11 އާއި ރާއްޖެ އިން ބޭރުން އައި ފަސް މީހުން. އަދި 15 މީހުންނަކީ ބިދޭސީން/ޓޫރިސްޓުން. އެ 15 މީހުންގެ ތެރޭގައި ގިނައީ ޓޫރިސްޓުން.
ކޭސް 31#ކޯވިޑް19 އަށް ޕޮޒިޓިވް ވި ދިވެއްސެއް (ކޭސް:28) ގެ ޑައިރެކްޓް ކޮންޓެކްޓެއްގެ ފަރާތުން ބަލީގެ އަލާމާތްތައް ފެނި، ހެދި ޓެސްޓުގެ ނަތީޖާވަނީ ޕޮޒިޓިވް ވެފައި.
— Health Protection Agency (@HPA_MV) April 18, 2020
އެޗްޕީއޭގެ ޓުވީޓް
މާލެ އިން އިތުރު ދިވެއްސަކު ކޮރޯނާވައިރަހަށް ޕޮޒިޓިވް ވެއްޖެ ކަމަށް އެޗްޕީއޭ އިން އަނެއްކާ ވެސް ބުނެފި. މި ފަހަރު ޕޮޒިޓިވްވީ ކޭސް 28 ގެ ޑައިރެކްޓް ކޮންޓެކްޓެއް. ކޭސް 28 އަކީ އިއްޔެ ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނޭ މީހެއް. އޭނާ އާއި މާލެ އިން އެންމެ ފުރަތަމަ ޕޮޒިޓިވްވި އަންހެން މީހާއާ އެއްވެސް ގުޅުމެއް ނެތް.
މާލެ އިން މިހާތަނަށް 10 މީހަކު ޕޮޒިޓިވްވިއިރު، ކޮރޯނާވައިރަހަށް ރާއްޖެ އިން ޕޮޒިޓިވްވި މީހުންގެ ޖުމްލަ މިވަނީ 30 އަށް އަރާފައި. އޭގެ ތެރެއިން 15 މީހުންނަކީ ދިވެހިން. އެއީ މާލެ އިން ފެނުނު 10 އަކާއި ރާއްޖެ އިން ބޭރުން އައިސް ކަރަންޓިން ފެސިލިޓީތަކުގައި ތިއްބައި ޕޮޒިޓިވްވި ފަސް މީހުން. ބާކީ 15 މީހުންނަކީ ބިދޭސީން/ޓޫރިސްޓުން.
ކޭސް 30#ކޯވިޑް19 އަށް ޕޮޒިޓިވް ވި ދިވެއްސެއް (ކޭސް:27) ގެ ޑައިރެކްޓް ކޮންޓެކްޓެއްގެ ފަރާތުން ބަލީގެ އަލާމާތްތައް ފެނި، ހެދި ޓެސްޓުގެ ނަތީޖާވަނީ ޕޮޒިޓިވް ވެފައި.
— Health Protection Agency (@HPA_MV) April 18, 2020
އެޗްޕީއޭގެ ޓުވީޓް
މާލެ އިން ކޮރޯނާވައިރަހަށް ޕޮޒިޓިވްވި މީހުންގެ އަދަދު 10 އަށް އަރައިފި. އެޗްޕީއޭ އިން ދެންމެ ބުނީ، އިތުރު ދިވެއްސަކު މާލެ އިން ޕޮޒިޓިވް ވެއްޖެ ކަމަށް. ކޮރޯނާވައިރަހަށް 10 ވަނަ އަށް ޕޮޒިޓިވް މިވީ ވެސް ކޭސް 27 ގެ ޑައިރެކްޓް ކޮންޓެކްޓެއް ކަމަށް އެޗްޕީއޭ އިން ބުނޭ. އެހެންކަމުން ކޭސް 27 އާ ސީދާ ކޮންޓެކްޓްވި ދެ މީހަކު މިހާތަނަށް މި ވަނީ ޕޮޒިޓިވް ވެފައި. ކޭސް 27 އާ ސީދާ ގުޅުން އޮތް މީހަކު ޕޮޒިޓިވްވި ކަން އެޗްޕީއޭ އިން ފުރަތަމަ އިއުލާން ކުރީ ރޭ ދަންވަރު. ކޭސް 27 ޕޮޒިޓިވްވީ އިއްޔެ ހެނދުނު. އެއީ މާލެ އިން އެންމެ ފުރަތަމަ ކޮރޯނާވައިރަހަށް ޕޮޒިޓިވްވި އަންހެން މީހާއާ ގުޅުމެއް ނެތް މީހެއް.
އިއްޔެ ބޭއްވި މީޑިއާ ބްރީފިންގައި އެޗްޕީއޭގެ ޑރ. ނަޒްލާ ރަފީގް ވިދާޅުވީ، ކުރިއަށް އޮތް 14 ދުވަހުގެ ތެރޭގައި ރާއްޖޭގައި އެންމެ ޕީކަށް އަރާނެ ކަމަށް. އެހެންވެ، ކުރިއަށް މި އޮތީ ވަރަށް ސަމާލުވެ ތިބެ، ބުރަ މަސައްކަތްތަކެއް ކުރަން ޖެހޭ ދުވަސްތަކެއް ކަމަށް އޭނާ ވަނީ ވިދާޅުވެފައި. އަދި ރޭގެ މީޑިއާ ބްރީފިންގައި ކޮރޯނާވައިރަސްއާ ގުޅޭ ގޮތުން ސަރުކާރަށް އެހީތެރިވެ ދެއްވާ ޑރ. ޝީނާ މޫސާ ދެއްކެވި ގްރާފްތަކަށް ބަލާއިރު ފެންނަނީ މާ ބިރުވެރި މަންޒަރުތަކެއް. އޭނާ ހުށަހެޅުއްވި ލަފާކުރުންތަކުން ދައްކަނީ ކޮރޯނާވައިރަހުން ލައްކައަކަށް ވުރެ ގިނަ މީހުން ޕޮޒިޓިވްވެ ހޮސްޕިޓަލްތައް ފުރި އެތައް ބަޔަކަށް ފަރުވާ ނުދެވިދާނެ ކަން. މިހާރުގެ އަދަދުތަކަށް ރިއާޔަތްކޮށް، ކަމާ ގުޅޭ އިދާރާތަކުން ލަފާކުރާ ގޮތުން 100 އަށް ވުރެ ގިނަ މީހުން މިވަގުތު ވެސް ޕޮޒިޓިވްވެފައި ތިބޭނެ. އަދި ލޮކްޑައުންގެ 14 ދުވަހުގެ ތެރޭގައި އަޅާ ފިޔަވަޅަށް ފަރުވާ ކުޑަކޮށްފި ނަމަ ޕްރޮޖެކްޝަންގެ ގްރާފްގައިވާ އޮރެންޖް ސިނާރިއޯ އިން ދައްކަނީ ފަރުވާ ނުދެވި މަރުވާ އަދަދު 2،000 އަށް އަރާފާނެ ކަމަށް.
މިދިޔަ 24 ގަޑިއިރެއްހާއިރުގެ ތެރޭގައި މާލެ އިން ވަނީ ކޮރޯނާވައިރަހަށް ހަ މީހަކު ޕޮޒިޓިވް ވެފައި. އަދި ރާއްޖެ އިން މިހާތަނަށް އެ ވައިރަހަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިހާރު ވަނީ 29 އަށް އަރާފައި. އޭގެ ތެރެއިން ދިވެހިންގެ އަދަދަކީ 14. އެއީ މާލެ އިން މިދިޔަ ބުދަ ދުވަހުން ފެށިގެން ކޮރޯނާވައިރަސް އަށް މިހާތަނަށް ޕޮޒިޓިވް ވެފައިވާ ނުވަ މީހުންނާއި ރާއްޖެ އިން ބޭރުން އައިސް ކަރަންޓީން ފެސިލިޓީތަކުގައި ބައިތިއްބާފައިވާ މީހުންގެ ތެރެއިން ފަސް ދިވެހިން. ރާއްޖެ އިން ކޮރޯނާވައިރަހަށް މިހާތަނަށް ޕޮޒިޓިވްވި ބިދޭސީން/ޓޫރިސްޓުންގެ އަދަދަކީ 15. އޭގެ ތެރޭގައި ގިނައީ ޓޫރިސްޓުން.
Case: MAV029
— Health Protection Agency (@HPA_MV) April 17, 2020
Samples taken from a Maldivian national who was a Direct Contact of Case: MAV027 has tested POSITIVE for #COVID19
This is the 9th person to became POSITIVE for COVID-19 in Male’ City.
The person is currently being transferred in an Isolation Facility. #StayHome
އެޗްޕީއޭގެ ޓުވީޓް
މާލެ އިން ނުވަ ވަނަ މީހަކު ކޮރޯނާައިރަހަށް ޕޮޒިޓިވް ވެފައިވާ ކަމަށް އެޗްޕީއޭ އިން ދެންމެ ބުނެފި. މި ފަހަރު ޕޮޒިޓިވްވީ މާލެ އިން އެ ވައިރަސް އެރި ކޭސް27 ގެ ޑައިރެކްޓެއް ކަމަށް އެޗްޕީއޭ އިން ބުނޭ. ކޭސް 27 އަކީ މާލެ އިން އިއްޔެ ހެނދުނު ކޮރޯނާވައިރަހަށް ޕޮޒިޓިވްވި ހަތް ވަނަ މީހާ. ކޭސް 27 އަކީ މާލެ އިން މިދިޔަ ބުދަ ދުވަހު ކޮރޯނާވައިރަހަށް ފުރަތަމަ ޕޮޒިޓިވްވި އަންހެންމީހާ އަދި އޭނާގެ އެއްވެސް ކޮންޓެކްޓަކާ ގުޅުމެއް ނެތް މީހެއް. އެހެންވެ، މިއީ ކޭސް 27 އާ ޑައިރެކްޓް ކޮންޓެކްޓަކު ޕޮޒިޓިވްވި ފުރަތަމަ ފަހަރު.
As our resources are exhausted with very high demand, on our request @PoliceMv has started to deliver Taza water to households with us! Thank You @ShimranAb @M_Hameedh pic.twitter.com/DacjJC9iQV
— Island Beverages Maldives Pvt Ltd (@islandbevmv) April 17, 2020
ތާޒާ ފެން ޑެލިވަރީ ކުރުމުގައި ފުލުހުން މިރޭ ހަރަކާތްތެރިވަނީ
📸: Due to the high number of pending deliveries, police officers have been assisting in the delivery of water to houses and shops during #COVID19 health crisis. #StayHomeSaveLives#COVID19Maldives pic.twitter.com/27VDgU5cYO
— Maldives Police (@PoliceMv) April 17, 2020
ތާޒާ ފެން ޑެލިވަރީ ކޮށްދިނުމުގައި ފުލުހުން މިރޭ އެހީތެރިވަނީ.
އަދިވެސް ގިނަ ގޭގެތަކަށާއި ފިހާރަތަކަށް ޑެލިވަރީކޮށް ނުނިމޭތީ ފެން ޑެލިވަރީ ކުރުމުގެ މަސައްކަތުގައި ފުލުހުން ހަރަކާތްތެރިވާން ފަށައިފި. ފުލުހުންގެ އިތުރުން ސިފައިން ވެސް ވަނީ އެސްޓީއޯގެ ގިނަ ޑެލިވަރީތައް ނުނިމި ހުރުމުން ގޭގެ އަށް ޑެލިވަރީ ކޮށްދިނުމުގައި އެ ކުންފުންޏަށް އެހީތެރިވާން މިއަދު ފަށާފައި. ފުލުހުން ވަނީ ހޯލްސޭލް އަދި ރީޓެއިލް ފިހާރަތަކުން ޑެލިވަރީ ކުރުމުގެ ފުރުސަތު 24 ގަޑިއިރަށް ދީފައި. ކެފޭ/ރެސްޓޯރަންޓްތަކުން ޑެލިވަރީ ކުރެވޭނީ ރޭގަނޑު 8 ން 11 އަށް.
މަބްރޫކް: އެއްވެސް ރަށަކުން އައިސް މާލޭގައި ތާށިވެފައި ހުރި މީހެއް ނަމަ، 1676 އަށް ގުޅުމަށް އެދެން.
މިރޭގެ މީޑިއާ ބްރީފިންގައި (ކ-ވ) ޑރ. ޝީނާ، މަބްރޫކް އަދި ޑރ. ނަޒްލާ ބައިވެރިވެވަޑައިގަންނަވަނީ.
ޑރ. ނަޒްލާ: ޖެނުއަރީން ފެށިގެން އަޅުގަނޑުމެން މިހާރު ވެސް ވަނީ ކެޕޭސިޓީ އިތުރުކޮށްފައި. ވަރަށް ބައިވަރު ކަންކަން ކުރެވިއްޖެ. ފެސިލިޓީތައް ގާއިމްކުރެވި ބެޑްތައް އިތުރުކުރެވިއްޖެ. އެކަމަކު އަޅުގަނޑުމެން ދަންނަވަނީ މިހާރު ފެތުރެމުންދާ ގޮތުން މިހާރު ހުރި ކެޕޭސިޓީ އަށް ވެސް އެ ކެތެއް ނުކުރެވޭނެއޭ.
މަބްރޫކް: މިހާރު ވެސް އަޅުގަނޑުމެން މި ދަންނަވާ ގޮތަށް ކަންކަން ކޮށްފިއްޔާ އަޅުގަނޑުމެންގެ ކެޕޭސިޓީގައި މިކަން ހިފަހައްޓާލެވިދާނެ. އެހެންވީމަ ގޭގައި ތިއްބަވަންވީ. މިތާނގައި ކޮންމެ ދުވަހަކު ޑޮކްޓަރުން ތިއްބަވައިގެން އެބަ މައުލޫމާތު ދެއްވާ.
ޑރ. ޝީނާ: މިހާރު އެ އޮތް ޓްރެންޑްގައި ިމިކަން ހިނގައްޖިއްޔާ އަޅުގަނޑުމެންނަކަށް ފަރުވާދެވޭނެ ގޮތެއް ނެތް. އެއީ މުޅި ރާއްޖޭގެ ހުރިހާ ޑޮކްޓަރުން މާލެ ގެނެސްގެން ވެސް. އެއީ ވަރަށް އަންއެތިކަލް ކަމެއް. އެކަމަކު ވެސް ނެތް ފަރުވާދެވޭކަށް މިކަމަށް ރައްޔިތުން ސަމާލުކަން ނުދީފިއްޔާ.
މިރޭގެ މީޑިއާ ބްރީފިންގައި މަބްރޫކް ނޫސްވެރިއެއްގެ ސުވާލަކަށް ޖަވާބު ދެއްވަނީ.
މިރޭގެ މީޑިއާ ބްރީފިންގައި ޑރ. ނަޒްލާ، ނޫސްވެރިއެއްގެ ސުވާލެއް އަޑުއައްސަވަނީ.
ޑރ. ޝީނާ: މިހާރު އަދި މި ފެނުނީ އެންމެ 10 ވަރަކަށް ކޭސް. އެކަމަކު މިިހާރު 100 އާ ގާތްކުރާ ވަރަކަށް ޕޮޒިޓިވް ކޭސް އުޅޭނެ ކަމަށް ބެލެވެނީ. އެހެންވީމަ އެކަމަށް ވަރަށް ބޮޑަށް ސަމާލުކަން ދީގެން ނޫނީ މިކަމަކުން ސަލާމަތެއް ނުވެވޭނެ. އެހެންވީމަ ވަރަށް ބޮޑަށް ސޯޝަލް ޑިސްޓެންސިން ބަހައްޓަން އެބަޖެހޭ.
ޑރ. ނަޒްލާ: ކުރިއަށް އޮތް 14 ދުވަހުގެ ތެރޭގައި 29،000 ކޭސްތޯ ނުވަތަ 19،000 ކޭސްތޯ ފެންނާނީ އެކަން އޮތީ ތިބޭފުޅުންގެ އަތްމަތީގައި. އެއް ބިލްޑިންގުގެ ތެރޭގައި ވެސް މަސްހުނި ނުވެ ގޭގައި މަޑުކޮށްލުން އަޅުގަނޑުމެން އެދެނީ
ޑރ. ނަޒްލާ: ބަލިން ރަނގަޅުވުމުގެ ފުރުސަތު ލިބޭނީ ކުރިން ވެސް ދެންނެވިހެން ތެދު މައުލޫމާތު ދީގެން. އެކަމަށް ވަރަށް ބޮޑަށް ސަމާލުކަން ދެއްވުން އެދެން.
މަބްރޫކް: މަގުމަތީގައި އުޅެގެން 8:30 އިން ފެށިގެން ފުރަތަމަ ހަތް މިނެޓްގެ ތެރޭގައި 74 މީހަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި.
މަބްރޫކް: މި ދައްކާލި ސްލައިޑްތަކަކީ އަޅުގަނޑުމެން އެއްވެސް ކަމެއް ނުކޮށްފިއްޔާ އެކަން ވާނެ ގޮތުގެ ބިރުވެރި މަންޒަރު. މިކަމަށް ރައްކާތެރިކަން ހޯދުމަށް އަޅަން ނުވާ ވަރުގެ ފިޔަވަޅެއް ނެތް.
ޑރ. ޝީނާ: ލައްކައެއްހާ މީހުންނަށް ބަލި ޖެހިދާނެ. މިއީ ހަދާފައި އޮތް ދިރާސާއެއް. އެކަމަކު މަހެއްހާ ދުވަހުގެ ތެރޭގައި ޕީކަށް އެބަތިބޭ. ކުރިއަށް އޮތް ރޯދަ މަހުގެ ތެރޭގައި އެންމެ ބޮޑަށް ބަލި ފެތުރިގެންދާނީ. އަޅުގަނޑުމެން މި ނަސެހަތް ދެނީ މިކަން ރަނގަޅު ކުރެވޭނެއޭ އެއްބާރުލުން ލިބިއްޖެ.
ޑރ. ޝީނާ މޫސާ: މިހާރު ވަރަށް ގިނަ ބަޔަކަށް ހިދުމަތް ނުދެވި ހިނގައިދާނެ. 14 ދުވަހުގެ ތެރޭގައި ވެންޓިލޭޓަރު ލާން ޖެހޭލެއް ގިނަވާނެ. މިހާރު ދާ ގޮތުން ބައިވަރު އެނދެއް ނެތް. ސިއްހީ ހިދުމަތްތެރިންނެއް ވެސް ނެތް. ހުސް އެނދެއްގައި ބޭއްވިޔަސް ހިދުމަތް ދެވޭކަށް ނެތް. އޭގެ މާނައަކީ މި ސިޓުއޭޝަންގައި ތިބެން ވެއްޖިއްޔާ 2000 މީހުން މަރުވެގެން ހިނގައިދާނެ.
ޑރ. ޝީނާ މޫސާ: މިހާރު ކޮންޓެކްޓް ޓްރޭސިން ހުރި ގޮތުން މިހާރު މިކަން ވިސްނާ ގޮތް އެބަ ބަދަލުވޭ. (ސްލައިޑެއް ދައްކާލައްވަމުން). ސޯޝަލް ޑިސްޓެންސިން އަށް އޮތް ގޮތަށް ބަލާއިރު އެޑްމިޓްކުރަން ޖެހޭ މީހުންގެ އަދަދު ގިނަވާނެ. 10 ދުވަހުގެ ތެރޭގައި އެޑްމިޓްކުރަން ޖެހޭ މިންވަރު ގިނަވާނެ. އެވަރުގެ ކެޕޭސިޓީއެއް ނެތް. އަޅުގަނޑުމެން ކުރިން ބެލީ ވަރަށް މަދުން އެޑްމިޓްކުރަން ޖެހޭނެ ކަމަށް.
އެންއޯސީން ދަރުބާރުގޭގައި ނޫސްވެރިންގެ ބައްދަލުުން ފަށައިފި. މިރޭގެ ބައްދަލުވުމުގައި ސަރުކާރުގެ ތަރުޖަމާނު މަބްރޫކް އަޒީޒާއި ޑރ. ނަޒްލާ ރަފީގުގެ އިތުރުން ޑރ. ޝީނާ މޫސާ ހިމެނިވަޑައިގަންނަވާ.
ހާމަކުރެވޭނީ ގަވައިދުގައި ބުނާ ގޮތުން ނަމަ ފުރިހަމަ ނަމާއި ގައުމާއި ދާއިމީ އެޑްރެހާއި މިހާރު ދިރިއުޅޭ އެޑްރެސް އާއި އަދާކުރާ ވަޒީފާ އާއި ވަޒީފާ އަދާކުރާ ތަނާއި ފޮޓޯ އާއި ބަލީގެ ނަން ނުވަތަ ބާވަތް.
އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގޮތުން ނަން ހާމަކުރެވޭނީ ގަވައިދުގައިވާ ގޮތުން، އެކަން އާންމު ސިއްހަތު ރައްކާތެރި ނުކުރެވޭނެ މިންވަރަށް އެކަމުގެ ނުރައްކާ ކުރިމަތިވެއްޖެ ހިނދެއްގައި، އެ މަގްސަދު ހާސިލް ކުރެވޭ މިންވަރަށް. އަދި އަލަށް ތައާރަފްވާ ބައްޔެއްގެ ސަބަބުން ނުވަތަ ގައިންގަޔަށް އަރާ ބައްޔެއްގެ ސަބަބުން ނުވަތަ ކުއްލިއަކަށް ދިމާވާ ސިއްހީ ނުރައްކަލެއްގެ ސަބަބުން މުޖުތަމައުގެ އާންމު ސިއްހަތަށް ސީދާ ގޮތުގައި ބޮޑު ނުރައްކަލެއް ކުރިމަތިވުމުގެ ފުރުސަތު އޮތް ކަމަށް އެކަށީގެންވާ ހެކީގެ މައްޗަށް ބުރަވެ، ގަބޫލު ކުރެވޭ ނަމަ، ނުރައްކާތެރި ބައްޔެއް ޖެހިފައިވާ މީހާގެ ނަން ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ހާމަކުރެވިދާނެ ކަަމަށް ގަަވައިދުގައި ވޭ.
މި ގަވައިދުގައިވާ ގޮތުން ނަމަ ނުރައްކާތެރި ބައްޔެއް ނުވަތަ ގައިންގަޔަށް އަރާ ބައްޔެއް ފެތުރުނަ ނުދިނުމަށްޓަކައި ވަކި މީހެއްގެ ނަން އާންމުކޮށް ހާމަކުރުމުގެ ބާރު ލިބޭ ހަމައެކަނި ބޭފުޅަކީ ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތު. މި ވަގުތު އެ މަގާމުގައި ހުންނެވީ މައިމޫނާ އަބޫބަކުރު. އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނުގެ ދަށުން އެ މަގާމުގައި ހުންނަވާ ބޭފުޅަކަށް ބޮޑެތި ބާރުތަކެއް ލިބިގެންވޭ. ކޮވިޑް-19 އާ ގުޅިގެން އެޗްޕީއޭ އިން ހުރިހާ އެންގުމަކާއި އަމުރެއް ނެރުއްވަނީ މައިމޫނާ.
އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގޮތުން ނަން ހާމަކުރުމާ ބެހޭ އުސޫލުތައް ބަޔާންކުރާ ގަވައިދުގައިވާ ގޮތުން، އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ވަކި ހާލަތްތަކެއްގައި މީސްމީހުންގެ ނަން ހާމަކުރުމުގެ ބާރު ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިގެންވޭ. އެގޮތުން ވަކި ހާލަތްތަކެއްގައި ނުރައްކާތެރި ބައްޔެއް ނުވަތަ ގައިންގަޔަށް އަރާ ބައްޔެއް ފެތުރުނަ ނުދިނުމަށްޓަކައި ވަކި މީހެއްގެ ނަން ހާމަކުރުމުގެ ބާރު ލިބޭ.
ޢާންމު ޞިއްޙަތު ރައްކައުތެރި ކުރުމުގެ ގޮތުން ނަން ހާމަކުރުމާބެހޭ އުސޫލުތައް ބަޔާންކުރާ ގަވާއިދު
— Health Protection Agency (@HPA_MV) April 17, 2020
އިތުރު މަޢުލޫމާތު:https://t.co/0oHkthJxDL pic.twitter.com/H8U5yHyHup
އެޗްޕީއޭ އިން ދެންމެ ގެޒެޓް ކުރި ގަވައިދު
އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގޮތުން ނަން ހާމަކުރުމާ ބެހޭ އުސޫލުތައް ބަޔާންކުރާ ގަވައިދެއް އެޗްޕީއޭ އިން މިއަދު ގެޒެޓްކޮށްފި.
ރީތިކޮން ބުނީމަ ބަސްނާހާނަމަ ދެން ޖެހޭނީ ފިޔަވަޅު އަޅަން. ޒަރޫރީ ބޭނުމެއްނެތި ބޭރަށް ނުނިކުތުމަށް ސަރުކާރުން އަންގަނީ ހުރިހާ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކާ. #StayHomeSaveLifes #StayHomeStaySafe https://t.co/ojBkk5nBuo
— Ahmed Usham (@a_usham) April 17, 2020
ވިލިމާލެ ދާއިރާގެ އަމިއްލަ މެމްބަރު އުޝާމްގެ ޓުވީޓެއް: އޭނާ މި ޓުވީޓުގައި ވިދާޅުވި ގޮތަށް މާލެ ލޮކްޑައުންގައި އޮތަސް ފުލުހުން ރީތިކޮށް ބުނުމުން ވެސް ބައެއް މީހުން ގެ އަކަށް ނުދޭ. ކޮވިޑް-19 އާ ގުޅިގެން މާލޭގައި ތިން ގަޑިއިރަށް ހިންގި ކާފިއުގެ މުއްދަތުގައި ވެސް މި ކަން ވަރަށް ބޮޑަށް ފާހަގަވި. ހަފުތާގެ މުއްދަތަށް ހިންގި އެ ކާފިއުގެ ވަގުތުގައި ވެސް އެވްރެޖްކޮށް ދުވާލަކު 150 އެއްހާ މީހުންނަށް ފުލުހުން ނަސޭހަތް ދިން. އަދި ދެ މީހަކު ޖޫރިމަނާ ކުރި. މާލެ ލޮކްޑައުންގެ މިދިޔަ ތިން ދުވަހު ވެސް މާލެތެރެއިން ބައެއް ގަޑިގަޑީގައި ބަސް ނޭހުމުގެ ކަންކަން ފެނުނު.
— Ibrahim Dawood (@Devildavid_) April 17, 2020
މާލޭގެ މަގުމަތީގައި މިރޭ އުޅުނު ބަޔަކު ފުލުހުން ހައްޔަރު ކުރަނީ
މާލެ އިން ކޮވިޑް-19 ޖެހިފައިވާ މީހުން ފެންނަން ފެށުމުން ކޮންޓެކްޓް ޓްރޭސިން ހެދުމަށާއި ރައްކާތެރިކަމުގެ އެހެނިހެން ފިޔަވަޅުތައް އެޅުމަށް މިދިޔަ ބުދަ ދުވަހުގެ މެންދުރު 2:30 ން ފެށިގެން މާލެ ލޮކްޑައުން ކުރި ނަމަވެސް ބައެއް ވަގުތުތަކުގައި މީހުންތައް މަގުމަތީގައި އާދަޔާ ޚިލާފަށް ގިނަކަން ފާހަގަ ކުރެވޭ. ޚާއްސަކޮށް ޑެލިވަރީ އަށް ގިނަ ފިހާރަތައް ހުޅުވާ ގަޑީގައި ގިނަ ބަޔަކު ފިހާރަތައް ކައިރީގައި ކިޔޫ ހަދަމުން ދިޔަ. އިއްޔެ އާއި މިއަދު ވެސް މާލެ އާއި ހުޅުމާލެ އިން މި މަންޒަރު ފެނި، ފުލުހުން ހަރުކަށި ފިޔަވަޅު ނާޅާތީ މީހުން ފާޑުކިޔަމުން. ކޮވިޑް-19 އިން ރައްކާތެރިވުމަށްޓަކައި ފިޔަވަޅު އެޅުމަށްޓަކައި މާލެ ލޮކްޑައުން ކުރިޔަސް މަގުމަތީގައި މީހުން ގިނަވަނީ ފުލުހުން މަގުމަތިން ފެންނަލެއް މަދުވުމާއި ސުވާލު ނުކުރާތީ އާއި ފިޔަވަޅު ނާޅާތީ ކަމަށް ގިނަ ބަޔަކު ބުނޭ.
ފުލުހުން ބުނީ ލޮކްޑައުންގެ މުއްދަތުގައި މަގުމަތީގައި އުޅޭ މީހުން ފުރަތަމަ ފަހަރަށް ކުރާނީ ޖޫރިމަނާ ކަމަށް. ދެވަަނަ ފަހަރަށް ނަމަ ގާނޫނުލް އުގޫބާތުގެ 533 ވަނަ މާއްދާގެ ދަށުން މީހުން ހައްޔަރު ކުރާނެ ކަމަށް ފުލުހުން ބުނޭ.
Starting from 20:30hrs tonight, we will take actions against anyone on the streets. So please go back inside and #StayAtHome! Your cooperation is greatly needed to control the community spread of #COVID19.#COVID19Maldives
— Maldives Police (@PoliceMv) April 17, 2020
ފުލުހުންގެ ޓުވީޓް
މިރޭ 8:30 ގެ ފަހުން ބޭރުގައި އުޅޭ މީހުންނާ މެދު ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ފުލުހުން ދީފި. ފުލުހުން މިހާރު ދަނީ މަގުމަތީގައި ތިބި އެންމެން ގެ އަށް ވަނުމަށާއި ބޭރުގައި އުޅޭ ނަމަ ފިޔަވަޅު އަޅާނެ ކަމަށް އަންގައި އަޑުގަދަކުރާ އިން ގޮވަމުން.
އެމްޕީއެލް: ލޮކްޑައުންވި ދުވަހު އަޅުގަނޑުމެންގެ ގުދަނުގައި ވަރަށް ގިނަ ޕެރިޝަބަލް އެއްޗެހި ހުރި. އެހެންވެ ހާއްސަ ހުއްދައެއްގެ ދަށުން އިއްޔެ އެ ތަކެތި ނެރުނު. މިއަދު ވެސް ޕެރިޝަބަލް އެއްޗެހި ހިފައިގެން ބޯޓެއް އައި. އަޅުގަނޑުމެން މި ބަލަނީ އެ އެއްޗެހި މާދަމާ ދޫކޮށްލެވޭނެ ކަމަށް.
އެމްޕީއެލް: މާދަމާއިން ފެށިގެން މުދާތައް ބޭރުކުރެވެން ފަށާނެ. އަނެއްކޮޅުން މުދާ އެބައާދޭ ވަރަށް ގިނައިން. ގާތްގަނޑަކަށް އަށް ބޯޓު އެބަ އާދޭ. އަޅުގަނޑުމެން ޔަގީންކަން މި ދެނީ ވަރަށް ގިނަ އަދަދަކަށް މުދާ އެބަ އަންނަކަން.
ކަސްޓަމްސް: އަޅުގަނޑުމެންނާއި އެމްޕީއެލް ގުޅިގެން މި ކުރާ މަސައްކަތަކީ ލޮކްޑައުންގެ ތެރޭގައި ފިހާރަތަކަށް، އާންމުންނާ ހަމައަށް ބޭނުންވާ މުދާ ފޯރުކޮށްދިނުން. އެކަން އަޅުގަނޑުމެން ކޮށްދޭނަން.
އެމްޕީއެލް: ފުދޭ ވަަރަކަށް ގިނަ މުދާ ނުނެރެވި އެބަހުރި މިހާރު. އޭގެ އިތުރުން މިހާރު ވެސް ބޯޓެއް އެބައޮތް އޭގައި ޕެރިޝަބަލް މުދާ ހުރި ބޯޓެއް އެއީ. އޭގެ އިތުރުން އެހެން ދެ ބޯޓެއް ވެސް އެބަ އާދޭ. މީގެ އިތުރުން ކާޑުގެ ބާވަތްތަކާ އެކު އެސްޓީއޯގެ ބޯޓެއް ވެސް އެބައޮތް.
އެމްޕީއެލް: ހާއްސަ ޑެސްކެއް ބަހައްޓައިގެން އެބަ މަސައްކަތް ކުރަން. އެ ޑެސްކުން ރަށްރަށަށް ލަފާ ފުރުމުގެ ކަންކަން އެބަ ކުރިއަށް ގެންދަން.
ކަސްޓަމްސް: މި ދުވަސްކޮޅު ޗެކްތައް ބަލައިނުގަންނަން އެމްއެމްއޭ އިން އަންގައިފައި އޮތީ. އެހެންވީމަ ކޭޝް ނުވަތަ ކޭޝް ކާޑޫ ބޭނުން ކުރުން އެދެން.
އެމްޕީއެލް: މާދަމާ 8:30 އިން 4:30 އާ ހަމައަށް އަޅުގަނޑުމެން ނޯޓްކުރަމުން ގެންދާނަން މަސައްކަތްތައް.
އެމްޕީއެލް: ރޯދަ މަސް ވެސް ވަރަށް ކައިރި. ރޯދަ މަހުގެ ގަޑިތަކަށް ވެސް ބަދަލު އަންނާނެ. އެކަމަކު މިހާރު އޮތް ވަގުތުތެކޭ އެއްގޮތަށް ރޯދަ މަހު ވެސް ހިދުމަތް ދޭން މަސައްކަތް ކުރާނަން. އަދި ވަގުތު އިތުރު ކުރަން ޖެހިއްޖިއްޔާ އެކަން ވެސް ކުރެވޭނެ. އަޅުގަނޑު ވެސް އެދެނީ ވީހާ ވަރަކަށް އޮންލައިންކޮށް ކުރެވެން ހުރި ކަމެއް އެގޮތަށް ކުރުން.
އެމްޕީއެލް: މި ހާލަތުގައި އެތެރެކުރާ މުދަލުގެ ޑެމަރޭޖެއް ނާރާނެ. އެހެންވީމަ އެކަމާ ވިސްނަވާނެ ކަމެއް ނެތް. އަޅުގަނޑުމެން އެންމެން މި މަސައްކަތް ކުރަނީ ވީހާ މަދު މުވައްޒަފުން ލައިގެން.
އެމްޕީއެލް: ލޮކްޑައުން ހާލަތުގައި އާންމު ހާލަތުގައި ދޫކުރާ ގޮތަށް ކުރިއަކަށް ނުގެންދެވޭނެ. އެކަމަކު ބޭހާއި ކާނާގެ ބާވަތްތަކަށް އިސްކަން ދީގެން މަސައްކަތް ކުރާނީ. އަވަހަށް ކްލިއާ ކުރަން ހުރީ ކޮން އެއްޗެއްތޯ ބަލާނަން ވިޔަފާރިވެރިންނާ ވާހަކަ ދައްކައިގެން،
މި ޕްރެސް ކޮންފަރެންސް ދެއްވަނީ ކަސްޓަމްސްގެ ޑެޕިއުޓީ ކޮމިޝަނަރު އަބްދުﷲ ޝަރީފާއި އެމްޕީއެލްގެ ސީއީއޯ ޝާހިދު
ކަސްޓަމްސް އާއި އެމްޕީއެލްގެ ޕްރެސް ކޮންފަރެންސް ފަށައިފި
މަބްރޫކް: މިހާރު މި އޮތް ހާލަތަކީ އެންމެ ނުރައްކާތެރި ހާލަތު. ބަލި އެބައޮތްކަން އެބަ އެެނގޭ. ކިހާ ވަރަކަށް ބަލި ފެތުރިފައި އޮތްތޯ މިރޭ އަޅުގަނޑު ދެންނެވޭތޯ ބަލާނަން. މި ކޭސްތައް ނަންބަރުން ނުހިފޭއްޓިދާނެ. ކޮންމެ މީހަކު ވެސް ވިސްްނަންވީ އެ މީހަކަށް އެޅެން އޮތް ފިޔަވަޅެއް އެޅޭތޯ. ވީވަރަކުން އަޅުގަނޑުމެން ގައުމީ ކަމެއްގެ ގޮތުގައި މިކަން ދެކެންވީ ވަގުތު މިއީ. އާންމު ދިރިއުޅުމަށް ބޭނުންވާ ހުރިހާ ކަމެއް ނުކުރެވިދާނެ. އަޅުގަނޑުމެން އަޅާފައި ހުރި ފިޔަވަޅުތައް އަޅާފައި އެހުރީ އެންމެންގެ ސަލާމަތަށް ޓަކައި.
ނަޒްލާ: ކުރިއަށް އޮތްތާނގައި މާ ގިނަ ކޭސްތައް ފެންނަން ފަށައިފިއްޔާ ކޮންޓެކްޓް ޓްރޭސިން ހެދުން އުނދަގޫވާނެ. އެކަމަކު އެއް ކްލަސްޓާ އާ އަނެއް ކްލަސްޓާއާ ގުޅުން ހުރިތޯ އެހެން ބެލުންް ކުރިއަށް ދާނެ. މިހެން ދެންނެވިޔަސް، އަޅުގަނޑުމެންގެ ޓީމު ބޮޑުކޮށް ވީހާ ރަނގަޅަކަށް އެކަން ކުރިއަށް ގެންދެވޭތޯ ބަލާނަން.
ނަޒްލާ: އަޅުގަނޑުމެން މި ހަދަނީ ޕީސީއާރު. މިއީ މިހާރު ދުނިޔޭގައި މިކަމަށް ހަދާ އެންމެ އިތުބާރު ޓެސްޓް. ފޯލްސް ނެގެޓިވް ޗާންސެއް އައުމުގެ ފުރުސަތު ވަރަށް ކުޑަވާނެ. އެކަމަކު ޑަބަލް ނެގެޓިވް ވިޔަސް، އެ މީހަކު 14 ދުވަހު އެކަހެރިކޮށް ބެހެއްޓުމަށް ފަހު ނޫނީ އެ މީހަކު ދޫކޮށެއް ނުލަން.
މަބްރޫކް: ކޯލް ސެންޓަރަށް އިއްޔެ އައި ކޯލްތަކުގެ ތެރެއިން ޖަވާބު ދެވުނީ ކޮންމެ ތިން ކޯލަކުންް އެއް ކޯލަށް. އެކަމަކު މިހާރު އެ ޓީމް ވާނީ ބޮޑުކޮށްފަައި. ހިދުމަތް އިތުރަށް ވާނީ ރަނގަޅަށް.
މަބްރޫކް: ކުރިއަށް އޮތް ދުވަސްތަކުގައި އިތުރަށް ބަޔަކު ޕޮޒިޓިވްވެދާނެ ކަމަށް. އެކަން އެގޮތަށް ދިމާވެއްޖެ ނަމަ ވިސްނަން ޖެހޭ ކަމަކީ ޕޮޒިޓިވް ވާ އެންމެންނަކީ ހޮސްޕިޓަލުގައި އެންމެން ތިބޭކަށް ނުޖެހޭނެ. އަޅުގަނޑުމެންނަށް އެނގޭ ގޮތުގައި 20 ޕަސެންޓް މީހުން ގިނަވެގެން ހޮސްޕިޓަލަށް ގެންދަން ޖެހޭނީ. އެކަމަށް ބޭނުންވާ ފެސިލިޓީތައް ކުރިއަށް އޮތް ފަސް ދުވަހުގެ ތެރޭގައި ހުޅުމާލޭގައި ވެސް ނިމޭނެ.
މަބްރޫކް: ފުލުހުން މިހާރު ތިއްބެވީ ކަނޑައަޅާފައިވާ ތަންތަނަށް ފޮނުވުމުގެ މަގުމަަތީގައި. މިހާރު އެކަން އެބަކުރެވޭ. ފުލުހުން ބުނަނީ ކުރިއަށް ވުރެ ހަރުކަށިވާނެ ކަމަށް މިކަން ބެލެހެއްޓުމުގައި. މިއަދު ހަވީރުންް ފެށިގެން އިތުރަށް މަގުތަކުގައި ހަރަކާތްތެރިވަމުން ދާނެ.
ނަޒްލާ: އެއާޕޯޓްގައި މަސައްކަތް ކުރާ މުވައްޒަފަކު ވެސް ވަނީ ޕޮޒިޓިވްވެފައި. އޭނާ ޓެސްޓްކުރީ ފުރަތަމަ ޕޮޒިޓިވްވި ކޭސްތަކާ ގުޅިގެން ކަރަންޓީން ކުރި މީހުންގެ ތެރޭގައި ހިމެނިގެން
ނަޒްލާ: ޕޮޒިޓިވްވި އެކަކު ސީރިއަސްއެއް ނޫން. އެ އެންމެންނަށް މި ދަނީ ފަރުކޮޅުފުށީގައި ފަރުވާދެމުން
މިއަދުގެ މީޑިއާ ބްރީފިން މަބްރޫކާއި ޑރ. ނަޒްލާ ދަރުބާރުގޭގައި އޮންލައިންކޮށް ކުރިއަށް ގެންދަވަނީ.
ނަޒްލާާ: މިހާތަނަށް ހޯދި ހޯދުންތަކުން އެނގޭ ގޮތުގައި ފުރަތަމަ އެންމެ ފަހުން ޕޮޒިޓިވް ވި ދެ މީހުންނަކީ އޭގެ ކުރިން ޕޮޒިޓިވްވި މީހުންނާ ކޮންޓެކްޓްވި މީހުނެއް ނޫން.
ނަޒްލާ: މީހަކު ޕޮޒިޓިވް ވިޔަސް އެ މީހަކަށް ބަލި އެރީ ކިހިނެއްކަން އަދި ޔަގީނެއް ނުވޭ. އެއީ އެހާ ފަސޭހަ ކަމެއް ނޫން.
މަބްރޫކް: އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކަށް އެންޓަޓެއިން ކުރާކަށް ބޭނުމެއް ނެތް ސޯޝަލް މީޑިއާގައި ދެކެވޭހާ ވާހަކަތަކަކަށް. އަޅުގަނޑުމެން ކޮން އިރަކުތޯ ކޭސްއެއް ޕޮޒިޓިވްގެން އެކަން ނާންގާ ތިބީ. އެހެންވީމަ އާންމުން ވެސް އަޅުގަނޑު ދަންނަވާނީ ތެދު މައުލޫމާތު ހޯދަން މީޑިއާތައް ހިޔާރު ކުރެއްވުން. ސޯޝަލް މީޑިއާ އަށް ބަރޯސާ ނުވުން. މިދަނޑިވަޅު ބައެއް މީހުން އެބަ ދޮގު މައުލޫމާތު ފޯރުކޮށްދެމުން އެބަ ގެންދޭ. އެކަމަށް ސަމާލުވާން ޖެހޭ މީޑިއާތައް ވެސް.
މަބްރޫކް: މާސްކެއް އަޅައިގެނެއް އެކަނި ސަލާމަތެއް ނުވޭ އިނގޭތޯ. ފިޔަވަޅުތައް އަޅަމުންދޭ މިހާރު ވެސް. މި ހާލަތު ދިމާވިއިރު، މިއަށް ވުރެ ކުޑަކުރެވުނީސް ގައުމެއްގެ ގޮތުގައި. ދެން އަނެއްކާ ވެސް މިކަން ކުރުން މިއީ މުހިންމު ކަމެއް. މަގުމައްޗަށް ނުކުމެވުނަސް އަނެކާ އާ ދުރުގައި ހުންނަން ވިސްްނަން ޖެހޭ.
މަބްރޫކް: އާންމުކޮށް އެހެން ގައުމުތަކާ އަޅާބަލާއިރު، ރާއްޖޭގައި ކޮންޓެކްޓްވެފައިވާލެއް މާ ގިނަ. އެހެން ގައުމުތަކުގައި ކޮންޓެކްޓް ވި މީހުން އެވްރެޖްކޮށް އުޅެނީ 30 ގައި. ރާއްޖޭގައި މި އުޅެނީ 40 އިންް މަތިން. އެއީ ވަރަށް ދެރަކަމެއް. މިއީ ބިރުވެރިކަމެއް.
ނަޒްލާ: ރާއްޖޭގައި ހެދި މޮޑިއުލްގައި ބުނާ ގޮތުން، ފުރަތަމަ ކޭސް އުޅޭތާ 14 ދުވަހުގެ ތެރޭގައި ޕީކަށް ދާނެ ކަމަށް ބެލެވޭ. އެހެންވެ ކުރިއަށް ދުވަސްތަކުގައި ވަރަށް އުނދަގޫ ދުވަސްތަކެއް އޮތީ.
މަބްރޫކް: މާލެ އަށް އެކި ކަންކަމުގައި އައިސް ތިބި މީހުން އެކި ތަންތަނުގައި އެބައުޅޭ ކަމަށް އެނގިފައިވޭ. އެ މީހުންނަށް ބޭނުންވާ ކަންކަން އިންތިޒާމު ކުރުމުގެ ކަންކަން އެބަ ރާވަމުން އެބަ ގެންދޭ.
ޑރ. ނަޒްލާ: މިހާތަނަށް މާލެ ތެރެއިން ޕޮޒިޓިވްވި މީހުންނާ ސީދާކޮށް 157 ކޮންޓެކްޓް އެބަ ހިމެނޭ. މީގެ އިތުރުން ސެކަންޑަރީގެ ގޮތުގައި 148 ކޮންޓެކްޓް ހިމެނޭ. އެ އެންމެން ވެސް މި ވަގުތު ތިބީ އައިސޮލޭޝަންގައި.
ޑރ. ނަޒްލާ: ތިން ކްލަސްޓާ އެބަ އުޅޭ. މީގެ މާނައަކީ މުޖުތަމައުގައި މި ބަލި އުޅޭކަން.
މަބްރޫކް: ކާށިދޫ މިހާރު ވަނީ މޮނިޓަރިންގެ ހާލަތުން ދޫކޮށްލައިފައި، އެކަމަކު އެ ރަށް ދޫކޮށްލީ އައިސޮލޭޝަނަށް ގެންދަން ޖެހޭ މީހުން ގެންދިއުމަށް ފަހު
ޑރ. ނަޒްލާ: މާލޭގައި މޮނިޓަރިންގެ ހާލަތަކަށް ގެންދިޔަ ތަންތަނުގެ ތެރޭގައި މާލޭ ސްކޮއާ ވެސް ހިމެނޭ
މާލޭގެ އިތުރު ހަތަރު ތަނެއް މިއަދު މޮނިޓަރިން އަށް ލައިފައިވާ ކަމަށް ނެޝެނަލް އިމަޖެންސީ ސެންޓަރުން ދެންމެ ބުނެފި އެވެ.
ދަރުބާރު ގޭގައި މިހާރު އޮންލައިކޮށް ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތު ދެއްވަނީ ސަރުކާރުގެ ތަރުޖަމާނު މަބްރޫކް އަޒީޒާއި އެޗްޕީއޭގެ ޑޮކްޓަރު ނަޒްލާ ރަފީގެވެ. ހުރިހާ ނޫސްވެރިން ވެސް ސުވާލު ކުރަމުން ގެންދަނީ ގޭގައި ތިބެގެން ވީޑިއޯ މެދުވެރިކޮށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮވިޑް
23 April 2020
ކޮބާތޯ އެއް ގެއަކު ނިދާފަ އަނެއް ގެއަކުން ކާން ޖެހިފަ ރިބި ބޭފުޅުން ނައް އޮތް ލުޔަކީ؟ ނޯޕޭ އައް މިއޮތީ ރިޒޯޓު މުވައްޒަފުން ފޮނުވާލާފަ. އބޭފުޅުންނައް ކާންގޮސް ނޫނީ ރޯދަ ވީއްލޭނެ ގޮތެއް ހަދާދެން ޖެހޭކަމައް ގަބޫލް ކުރަން. އެންމެން ނެތް އެ ފެންވަރެއް ކާއެއްޗިސް އޯޑަރ ކުރެވޭ ވަރުގެ
އަލީގ
19 April 2020
3 ދުވަހައް ގެއަކައް ކޭންބުއިމައް ބޭނުންވާ ތަކެތި ގަޑިއެއްގެ ތެރޭ ގަނެވޭނެ. ފިހާރަތައް ހުރީ އެހާ ދުރަކުނޫން. އެހެންމީހަކު އައިސް ގެއައް ތަކެތި ޑެލިވަރކުރާނަމަ ވައިރަސް ފެތުރުމުގެ ފުރުސަތު މާބޮޑުވާނެ އެއީ އެމީހަކު ޑެލިވަރކުރަން ދާންޖެހޭ ގެތައް ގިނަވާތީ އަދި އެމީހާ ކުރާ ކޮންމެ ޑެލިވަރީއަކާއެކު ދެން ދާގެއަކައް ވައިރަސްގެންދިއުމުގެ ފުރުސަތެއް އޮންނާނެ. ރަނގަޅީ ގިނަމީހުންބުނާހެން އެއްވެސް ވަރަކައް ނުނުކުތުން އެކަމަކު ދިރިއުޅުމައް ކާންބޯންޖެހޭދޯ.
ޙަސަންބެ4
19 April 2020
ސަރުކާރުން ތައްޔާރުވެފައި ނުވާ މިންވަރު ވަރަށް ސާފު. ޕޮލިހުންނަށް މިހާރުވެސް ރަގަޅަށް މޮނިޓާ ނުކުރެވޭ. މިއަށްވުރެ ހަރުދަނާ ގޮތްތަށް ހުންނާނެ. މިދާއިރާގެ މާހިރުންނާއި ވާހަކަ ދައްކަވައިގެން ބަލި ނުފެތިރޭނެ ގޮތެއް ހޯއްދަވާ
ރަދުން
19 April 2020
އޮޅިއްޖެ.ހަމަކެޕޭސިޓީނެތީ.މީގެކުރިން އެންމެންވެސް އަޑަށްބާރުލާފާބުނީ ފުރިހަމައަށް ތައްޔާރުކަމަށް.ސައިޒު ސާފުވެއްޖެ.ސަލާމް.
އައި އާރު އެސް
19 April 2020
ކޮންމެ ގެއަކުން އެކަކު ކޮވިޑު އަށް ޕޮޒިޓިއު ވާށޭ ބުނުން މާރަނގަޅު ވާނެއް، މިއޮތީ ވާ ކަމެއް މިއައްވުރެ ޒިންމާދާރުވާން އެބަޖެހޭ މި ހާލަތުގާ ހަމަ ޔަގީނުން މިގޮތަށް ބޭރަށް ގޮސްގެން ޔަގީންކަން ނުދެވޭނެ ފުލުހުންނަށް ވެސް، ކުރިޔަށް އޮތް ތަނުގާ ދުވާލަކު 500 މީހުންނަށް ކޮވިޑު ޖެހޭނެ އަވަހަށް 100،000 އެދުގެ ޖާގަ އިތުރު ކުރޭ! ޓިބޭފުޅުން ދޭ އަޅުގަނޑުމެން ތިބޭނީ ގޭގަ
އައި އާރު އެސް
19 April 2020
މީ ހާދަ ދެރަކަމެއް ކޮވިޑު ނުޖެހޭނެ ފުލުހުން ބުނީމަ، ޑޮކުޓަރުން ބުނީމަ ކޮވިޑު ޖެހޭނެ! ތަންކޮޅެއް ޒިންމާދާރު ވާންއެބަޖެހޭ ސަރުކާރުންވެސް ނިއިން އެގެނީ އެޕީއޭ އަކި އެއްވެސް ޒިންމާދާރު ތަނަކަށްނުވޭ ޒަރޫރީ ކަމަކަށްވިއަސް ބޭރަށް ނިކުތުން ޜަނގަޅު ނޫންކަން ވަރަށް ސާފުކޮށް އެގެން އޮށް ހަގީގަތަކީ! ތިގޮތަށް އަމަލުހުރެގެން ކުރިޔަށް އޮތް ތަނުގައި ވެސް މި ރާއްޖެ ދާނީ ބަލީގެ ޝިކާރަޔަކަށްވަމުން، އެމެރިކާ އާ އެއްހަމަޔަކަށް ދާނެ! ސަރުކާރަށް ވަރަށް ސަލާމް
އިޔެ1
19 April 2020
ހެޔޮނުވާނެ، ވަކި ނަސްލެއްގެ ނަން ނުގެނެސް ވާކަށް ނެތްތަ؟ މިހާރުވެސް އަވައްޓެރި އިސްލާމީ ޤައުމެއް ކަމަށްވާ ބަންގްލަދޭޝްގެ އަސްކަރިއްޔާއިން އެދަނީ ދިވެހި ކުދިން ރާއްޖެއަށް ފޮނުވަން ބުރަމަސައްކަތް ކުރަމުން. އެކަމަކު އަހަރެމެން ކޮފީ ގިރައިދީ ދުފާއެތި އަތުރާލަދޭ މިތުރުން ދެރަކޮށް ނަސްލީ ގޮތުން ތަފާތު ކުރުމަކީ އިންސާފުތޯ؟ އެވެރިން އުޅެމުންދާ ހާލުގައި މަމެންނަކަށް 6 ގަޑި އިރުވެސް ކެތް ނުވާނެ. އިންސާނިއްޔަތު އިސްކުރޭ.
އިޔެ2
19 April 2020
ބަންގްލަދޭޝް އިން ދިވެހި ކިޔަވާކުދިން ފޮނުވަދޭނެތާ. މިރާއްޖޭގައި ތިބި ބަންގާޅީން މަހަކު އެތައްމިލިއަން ޑޮލަރު އެގައުމުގެ ގީޑީޕީއަށް ވައްދަދޭ. މިތާތިބި ބަންގާޅީން އެދަނީ މިގައުމު ލޫޓުވަމުން.
އައްޔުބޭ
19 April 2020
ޒަރުރީ ބޭނުންތަކެތި ގަތުމަށް އާއމުންނަށް ކޮންމެވެސް ގޮތަކުން ބޭރަށް ނިކުމެލެވޭގޮތަށް ހަމަޖައްސަވައި ދެއްވީތީ ޝުކުރިއްޔާ. މާލޭ ގެތަކަށް ޑެލިވަރ ކުރާގޮތަށް އޮތްއޮތުމަކީ އެތައް ބައެއްގެ ސިކުނޑީގައި ނުތަނަވަސް ކަން އޮތްކަމެއް. އޯޑަރ ނުދެވޭ. އަދި އޯޑަރ ދެވުނަސް ޑެލިވަރީކުރާނެ އިރެއް ނޭންގި ހާސްކަމުގައި ތިބެންޖެހޭ. ވަރަށް ވަރަށް ރަނގަޅު ނިންމުމެއް.
މިހާރަށް
19 April 2020
ޕޮލިސް ބްރީފިންގ ގެ މުހިންމު ޕޮއިންޓްތައް ތަފްޞީލްކޮށް ހިމަނާލެވިދާނެތާ؟ އޮފީސްތަކަށް ކޮންމެހެން ދާންޖެހޭ މީހުން ކަންތައްކުރަން ޖެހޭ ގޮތް ސާފުނުވާތީ.އެންޑް ޕޯޓަލްބޭނުން ކުރާގޮތްވެސް.
މުހަންމާ
19 April 2020
ކޮންމެ ގެއަކުން އެކަކު 1 ގަޑި އިރަށް ނުކުތުމަށް ހުއްދަ ދިނުމަކީ ކޮންމެ ގަޑިއަކު 100 މީހުން ބައްޔަށް ޕޮޒިޓިވް ވުން. އެއްގޮތަކަށްވެސް ހުއްދަ ދޭން ހެޔޮނުވާނެ.
މުހައް މާ2
19 April 2020
މިހާރު ބަލިޖެހޭގޮތް އެން މެނަށް އެނގޭ. ހުއްދަދެނީ ފިހާރަތަކަށްގޮސް ތޮއްޖެހިގެން ހުރިހައެން މެން ބަލިޖެހޭކަށްނޫން.