15 ޖޫން 2020 - 23:00
ހައުސިިން ޔުނިޓްތަކެއް އެޅުމަށް ނޫމަޑިއާ އެކު ހެދި އެއްބަސްވުން އުވައިލުމުން ދައުލަތުން ބަދަލުދޭން ޖެހުނު މައްސަލައިގައި ދައުވާ އުފުލީ ސަރުކާރާ އިދިކޮޅު މީހުންގެ އަޑު ކަނޑުވާލުމަށް ސިޔާސީ ގޮތުން ކުރާކަމެއްގެ ގޮތުގައި ކަމަށް ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
އެއްބަސްވުން އުވައިލި މައްސަލައިގައި ނޫމަޑިން، ނެދަލޭންޑްސްގެ ދަ ހޭގްގައި ހުންނަ ޕާމަނަންޓް ކޯޓް އޮފް އާބިޓްރޭޝަނަށް ހުށަހެޅީ 155 މިލިއަން ޑޮލަރު (2.3 ބިލިއަން ރުފިޔާ) އަދި އާބިޓްރޭޝަނާ ގުޅޭ އެހެން ޚަރަދުތައް ހޯދުމަށެވެ. ކޯޓުގައި މި މައްސަލަ ހިނގަނިކޮށް، ނޫމަޑިއާ ވާހަކަ ދައްކައި މި ސަރުކާރުން ވަނީ 55 މިލިއަން ޑޮލަރު (849،750،000ރ.) ބަދަލުގެ ގޮތުގައި ދޭން ނިންމައިފަ އެވެ. ކޯޓުން ބޭރުގައި ވެސް މިހާ ބޮޑު ބަދަލެއް ދޭން ޖެހުނު އެއް ސަބަބަކީ، ދައުލަތާ ދެކޮޅަށް އާބިޓްރޭޝަންގައި މުއިއްޒު ހެކިބަސް ދެއްވުން ކަމަށް ވަނީ ތުހުމަތުކޮށްފަ އެވެ.
Noomadi aa ehkolhah dhogu bayaaneh dhin kamah thuhumathukoh Muizzu ah dhauvaakoffi
The most trusted news source in the Maldives
Mihaaru
މުއިއްޒުގެ މައްޗަށް ދައުވާ ކުރުން
ދެން އެންމެ އަވަހަށް އޮންނަ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި އިދިކޮޅު ޕީޕީއެމުން މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާފައިވާ މުއިއްޒުއާ ދެކޮޅަށް އިއްޔެ ދައުވާކުރީ ގާނޫނުލް އުގޫބާތުގެ 520 ވަނަ މާއްދާގެ (ހ)ގެ ދަށުންނެވެ. ގާނޫނުލްއުގޫބާތުގެ އެ މާއްދާގައިވާ ގޮތުން ހުވައެެއް ކޮށްގެން ހުރެ، ދޮގުކަން އެނގި ހުރެ ދޮގު ބަޔާނެއް ދިނުމަކީ ކުށެކެވެ.
ދައުވާ އުފުލުމާ ގުޅިގެން މުއިއްޒު "މިހާރު" އަށް ވިދާޅުވީ ގާނޫނާ ހިލާފު ކަމެއް ކުރައްވައި ރައްޔިތުންގެ އެއްވެސް ހައްގަކަށް އޭނާ އަރައިގެންފައި ނުވާނެ ކަމަށެވެ. އޭނާގެ މައްޗަށް ދައުވާ އުފުލާފައި ވަނީ މާލޭ މޭޔަރު ކަމަށް ވާދަ ކުރައްވާތީ ސިޔާސީ ގޮތުން ހުރަސް އަޅަން ކަމަށް މުއިއްޒު ވިދާޅުވި އެވެ.
"ނޫމަޑި މައްސަލާގެ ވާހަކަ ދައްކާތާ ވަރަށް ދުވަސް ވެއްޖެ. ފުރަތަމަ އެއްވެސް ތުހުމަތެއް ނުކުރޭ އަޅުގަނޑާ މެދުއެއް. ހަމަ ކައުންސިލް އިންތިހާބަށް ފޯމްލީތާ އެއް ދުވަސް ނުވަނީސް މިކަން ބަލަން ފެށީ. މިއީ ސަރުކާރުން ސިޔާސީ ގޮތުން ކުރާ ކަމެއް. އެހެން ބެލުމުގެ ފުރުސަތު އެބައޮތް. ދުރުގައި ތިބި ބޭފުޅުންނަށް ވެސް ފެންނާނެ މި މަންޒަރު،" މުއިއްޒު ވިދާޅުވި އެވެ.
"މިއީ އަޅުގަނޑު ވެގެން ހިނގާ ކަމެއް ނޫން. މިއީ ސީރީސްއެއް. އަޅުގަނޑުގެ ފަހުން ޕާޓީގެ އިސްކޮށް ތިބި އެހެން މީހުންނަށް ވެސް މިފަދަ ދައުވާތައް ކުރާނެ ކަމަށް ބެލެވެނީ،"
މުއިއްޒު ވިދާޅުވީ މަޖިލީހުގެ ތެރެއިންނާއި މަޖިލީހުގެ ބޭރުން ވެސް ސަރުކާރުން މަސައްކަތް ކުރަމުން އަންނަނީ އިދިކޮޅުގެ އަޑު ކަނޑުވާލުމަށް ކަމަށެވެ. އަދި އެއީ ޑޮމޮކުރަސީގެ އުސޫލުތަކުގެ ބޭރުން ކުރަމުން އަންނަ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
މުއިއްޒު ދެވަނަ ފަހަރަށް މިދިޔަ ހުކުރު ދުވަހުގެ ރޭ ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް އޭގެ އެއް ދުވަސް ފަހުން ދައުވާ އުފުލާފައިވާއިރު ފުލުހުން ބުނި މުއްދަތަަށް ވުރެ އެކަންކަން ހިނގައިދިޔަލެއް އަވަސް ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.
"އެންމެ ފަހުން އަޅުގަނޑު ގެންދިޔަ ދުވަހު އަޅުގަނޑުގެ ލޯޔަރުން ސުވާލު ކުރި ކިހާ ދުވަހެއްގެ ތެރޭގައި މައްސަލައަށް ވަކި ގޮތެއް ނިމޭނެތޯ. އެހުމުން ވިދާޅުވި ހަފްތާއެއްގެ ތެރޭގައި ގޮތެއް ނިންމާނެ ކަމަށް. އެކަމަކު އޭގެ އަނެއް ދުވަހު ޕީޖީން ކޯޓަށް މައްސަލަ ފޮނުވާފައި މިވަނީ. އެހެންވީމައި ވަރަށް އަވަހަށް އެކަންކަން ހިނގައި އެދިޔައީ ވެސް،" ސުވާލު އުފައްދަވަމުން މުއިއްޒު ވިދާޅުވި އެވެ.
ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ބުނިގޮތުގައި، މުއިއްޒުއާ ދެކޮޅަށް ދައުވާ ކުރީ، ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސީ އޭޖީ އިން ދިވެހި ސަރުކާރާ ދެކޮޅަށް ޕާމަނެންޓް ކޯޓް އޮފް އާބިޓްރޭޝަންގައި ކުރި ދައުވާގެ ޝަރީއަތަށް ދޮގު ބަޔާނެއް ދެއްވާފައި ވާތީ އެވެ. ނެދަލޭންޑްގެސް ދަ ހޭގްގައި ހުންނަ ޕާމަނެންޓް ކޯޓް އޮފް އާބިޓްރޭޝަންގައި ދެއްވި ބަޔާނުގައި، އޭނާ ވިދާޅުވި ކަމަށް ޕީޖީ އޮފީހުން ބުނީ ނޫމަޑިން އެއްބަސްވުމާ އެއްގޮތަށް މަސައްކަތް ކުރަމުން އައި ކަމަށެވެ. އެ ކުންފުންޏަށް ދޫކޮށްފައިވާ ޅ. ދިއްފުށިމައިދޫ ދައުލަތަށް އަނބުރާ ނެގުމުގެ މަޝްވަރާގައި ބައިވެރިވެވަޑައިގެންފައި ނުވާ ކަމަށް ބަޔާނުގައި ވިދާޅުވެފައިވާ ކަމަށް ވެސް ޕީޖީން ބުންޏެެވެ.
މުއިއްޒު ވިދާޅުވީ އޭނާއަށް މިނިސްޓަރު ކަމުގައި ހިދުމަތް ކުރަން ލިބުނު ހަތް އަހަރުގެ ތެރޭގައި ރެ އާއި ދުވާލު މަސައްކަތް ކުރެއްވީ ރައްޔިތުންނަށްޓަކައި ކަމަށެވެ. އެއްވެސް ކަމެއް ގާނޫނާ ހިލާފަށް ކޮށް، ދޮގެއް ހައްދަވާފައި ނުވާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.
"އިންސާފުގެ މަގުން ހިނގާ ނަމަ މި މައްސަލަ ކޯޓަކަށް ނުވެސް ފޮނުވާނެ. އެއްވެސް ތަނަކަށް ދޮގެއް ނުހަދަން. އެއްވެސް ތާކަށް ދޮގު ބަޔާނެއް ނުދެން. ދޮގު ހަދައިގެން ދައުލަތައް ގެއްލުން ވާނެ ކަމެއް ކުރާނެ މީހެއް ނޫން އަޅުގަނޑަކީ. ދައުލަތަށް ފައިދާވާ ގޮތަށް ކަން ކުރި މީހެއް އަޅުގަނޑަކީ،" ކުރީގެ ސަރުކާރުގައި މާލެ އާއި އަތޮޅު ތެރޭގައި ގިނަ ޕްރޮކްޓްތަކެއް ހިންގެވި ކުރީގެ މިނިސްޓަރު ވިދާޅުވި އެވެ.
ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ކުރިން ވިދާޅުވެފައިވާ ގޮތުގައި ނޫމަޑީގެ މައްސަލައިގައި ދައުލަތުގެ ހުއްޖަތް ބަލިކަށިވީ އާބިޓްރޭޝަންގައި މުއިއްޒު ކުރިން ދެއްވި ބަޔާން ދައުލަތަށް ގެއްލުންވާ ގޮތަށް ބަދަލުކުރުމުގެ ސަބަބުންނެވެ. އެހެންވެ އެ ފައިސާ ދޭން ޖެހުމާ ގުޅިގެން، މުއިއްޒުގެ މައްސަލަ ސެޓްލްމެންޓް ކޮމިޓީން ބަލައި ފުލުސް އޮފީހަށް ފޮނުވީ އެވެ.
ނޫމަޑިއަށް ބަދަލު ދިނުމުގައި ސަރުކާރުން އަމަލުކޮށްފައިވާ ގޮތް ދެކޮޅު ނުޖެހޭ ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ. އެގޮތުން އޭނާ ދިން ބަޔާނެއްގެ ސަބަބުން ދައުލަތުން ނޫމަޑިއަށް 155 މިލިއަން ޑޮލަރު ދޭން ޖެހޭނަމަ ކޯޓުން ބޭރުން އެކަން ހައްލުކޮށް އެ ކުންފުނިން 55 މިލިއަން ޑޮލަރަށް އެއްބަސްވާނެތޯ މުއިއްޒު ސުވާލު އުފެއްދެވި އެވެ.
"ނޫމަޑިން 155 މިލިއަން ޑޮލަރު ހޯދަން ކްލޭމް ކުރާނީ އެމީހުންނަށް އެވަރު ލިބޭނެކަން ޔަގީންވަންޔާ. އެހެން އޮށްވައި ސަރުކާރުން މިބުނަނީ އަޅުގަނޑު ދިން ބަޔާނަކުން ދައުލަތުގެ ކޮޅު ވީކް ވަނިއްޔޭ. އެހެން ވެއްޖެނަމަ ނޫމަޑިއަށް އެބަ ޔަގީންވޭ ދެއްތޯ އެކޮޅަށް ކާމިޔާބު ވާނެ ކަމުގެ. އެހެންނަމަ ކީއްވެތޯ ކޯޓުން ބޭރުން އެހާ ކުޑަ އަދަދަކަށް ނޫމަޑިން އެއްބަސް ވާންވީ؟،" މުއިއްޒު ވިދާޅުވި އެވެ.
Noomadeege badhalu: Muizzu ge dhifaau memberun gabooleh nukurevvi!
The most trusted news source in the Maldives
Mihaaru
ދިފާއުގައި މުއިއްޒު ދެއްކެވި ވާހަކަ މެމްބަރުން ގަބޫލު ނުކުރެއްވުން
އޭނާގެ ފަރާތުން ދައުލަތަށް އެހާ ބޮޑު ގެއްލުމެއް ވެފައިވާނަމަ ފުރަތަމަ ވެސް ކުރަން ޖެހޭނެ ކަމަކީ އޭނާގެ މައްޗަށް ދައުވާކޮށް އެކަން ސާބިތު ކުރުން ކަމަށާއި ނަމަވެސް ސަރުކާރުން އިސްކަން ދިނީ ނޫމަޑިއަށް ބަދަލުގެ ގޮތުގައި ފައިސާ ދިނުން ކަމަށް މުއިއްޒު ވިދާޅުވި އެވެ.
"މިސާލަކަށް އަޅުގަނޑުގެ މައްޗަށް ދައުވާ ސާބިތު ނުވެއްޖެ ނަމަ ކިހިނެއްތޯ ވާނީ؟ ފައިސާ އެ ވަނީ ނޫމަޑިއަށް ދައްކާ ނިންމައިފައި. އެހެންވީމަ އަޅުގަނޑު ގޯހުން ކަމެއް ކުރިނަމަ ފުރަތަމަ އަޅުގަނޑުގެ މައްޗަށް ދައުވާ ދެއްތޯ ކުރަން ޖެހޭނީ؟ އޭގެ ބަދަލުގައި ފުރަތަމަ ކަމަކަށް މިވަނީ އެ ކުންފުންޏަށް ފައިސާ ދީ ނިންމައިފައި،" މުއިއްޒު ވިދާޅުވި އެވެ.
އާބިޓްރޭޝަންގައި މުއިއްޒު ބަޔާން ދެއްވީ ސަރުކާރުގެ ހައިސިއްޔަތުންތޯ ނުވަތަ ނޫމަޑި ތަމްސީލް ކުރައްވާ ބޭފުޅެއްގެ ހައިސިއްޔަތުންތޯ މާލިއްޔަތު ކޮމެޓީން ސުވާލު ކުރުމުން ޖަވާބުގައި، މުއިއްޒު އޭރު ވިދާޅުވީ "ބަޔާން ދެއްވީ އަމިއްލަ ދިފާއުގައި" ކަމަށެވެ. އޭނާއާ ދެކޮޅަށް، ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ހުރުން ގަބޫލެއް ނުކުރެއްވުނީ ކަމަށް ވިދާޅުވި އެވެ.
އިންސާފުވެރި ޝަރީއަތެއް ލިބޭނެ ކަމަށް ގަބޫލު ކުރައްވަންތޯ ސުވާލު ކުރުމުން މުއިއްޒު ވިދާޅުވީ "ޖުޑިޝަރީއަށް ބަދު ބަހެއް ނުދަންނަވާނަން" ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހާސަރު
16 June 2020
މި މުއިއްޒަށް ދައުވާކުރުން މާލަސްވެއްޖެ. މީނާ މިގައުމަށް ދީފާހުރި ގެއްލުމުގެ އަގު އެމްއެމްޕީއާރުސީގެ ޚިޔާނާތައްވުރެ މާބޮޑު! ވަހީދުގެ ވެރިކަމުން ފެށިގެން މީނާދިޔައީ ސަރުކާރުން ކުރިން ވެފަހުރި އެއްބަސްވުންތައް އެގްރިމެންޓަށް ބެލުމެއްނެތި ބާތިލްކުރަމުން. ގާކޮށްޓާ އަރަބިއްޔާ ފްލެޓްތަކުގެ އަގު އިންތިހާއަށް ބޮޑުވީވެސް މީނާ ކުރިކަންތަކުން.
ދިވޭސީ
16 June 2020
އަޑުކަޑުވާލަން ނަމަވެސް ދައުވާ ކުރީތީ ޝުކުރުވެރިބަލަ. މުއިއްޒުމެންނަށް ބާރު އޮތް ދުވަހު އަޑުކަނޑުވާލަން ބޭނުންވާ މީހުން ވީނުވީއެއް ނޭންގި ގެއްލެނީ، ނޫނީ ފެންނަނީ އަނިޔާވެރިކޮށް މަރާލާފަ އޮށްވާ. އިތުރު ގޮތެއް ނެތިއްޔާ ތަހުގީގެއް ޝަރީއަތެއް ނެތި ގެންގޮސް ލަނީ ޖަލަށް. މިގޮތަށް ބައްޕަގެ އަޑު ކަނޑުވާލަން ކުށެއްނެތް ދަރިފުޅު ޖަލުގަ ބާއްވާފަވެސް އެބަހުރި. އަހަރުމެން ހަނދާން ބައްޔެއް ނޫން.
Nazeer ahmed
16 June 2020
އަސްލު މި ގައުމު ހަލާކުކުރީ މުއިއްޒުއާއި ޔާމީން އަދި އަދީބް. މިއީ ރޭވިގެން ކުރި ކަމެއް. އެހެން ނޫންނަމަ ރާއްޖޭގެ ރައްޔިތުންނަށް އޮޅުވާލަން 7000 ފްލެޓްގެ ލިޔުން އެތަން ނުނިމެނީސް ދޭކަށް ނުޖެހޭ އަވަސް އަރުވާލައިގެން. އެއީ ވަރަށް ގިނަ މައްސަލަ އެގިގެން އުފައްދާފައި ހުރި. މިއީ މީނަޔަށް 25 އަހަރު ހުކުމެއް ކޮށް ޖަލަށް ލާންޖެހޭ މައިގަނޑު އެއް ސަބަބު. އިންސާފުން ޕޮއިންޓް ދީ އިއުލާންކޮށް އަދި އެކަން ބެލިފައި ދިންނަމަ ލިޔުން ވެސް އޯކޭ.
ހިބަރުވަދު
16 June 2020
މުއިއްޒުގެ އަޑު އޮތީ ފުލުސް އޮފީހުގައި ބަންދުކޮށްފައި. ދެނެއް އަޑެއް ނީވޭނެ.
އުމަރުބޭ
16 June 2020
ނޫން މަނިކުފާނު މިދިޔަ 5 އަހަރު ވަނީ ވވ ތަނަވަސް ކަން ހޯދާފަ ކޮންމެ ގޮތަކުންވެސް މާލެ ހުޅުމާލެ އިން ބިން އަދި ފުލެޓް ލިބިފައެބަފުރި
ހާސަރު
16 June 2020
ކުޑަދުވަސްކޮޅެއްގެތޭގައި މީނާ ވަރަށް މުއްސަދިވި މީހަކުނެތް. ޔާމީން ގެ އަޅައަޅާހުއްޓާ މީނާއެހެރީ ގެއަޅާ ނިންމާ ކުއްޔަށްވެސް ދީފަ!
މަންޑޭލާގެ ދަރި
16 June 2020
އިދިކޮޅުގެ އަޑުކަނޑުވާލަނީ އޭބުނާއިރު ތިމާމީހުންގެ ވެރިކަމުގަެި އޭރުގެ އިދިކޮޅުމީހުންނާ ނޫސްވެރިންގެ އަޑުކަނޑުވާލާ ބޮޑެތި އަދަދުތަކުން ޖޫރިމަނާކޮށް ބިރުދައްކާހެދި ހަނދާނެއްނުވޭތޯ؟ ތިމާމީހާ ރައްޔިތުންގެ ފަެިސާ އިސްރާފުކޮށް ދޮގުހެކިދީ ސަރުކާރުން އެތައްފަެިސާއެއް ކުންފުނިތަކަށް ދައްކަންޖެހުނީ ތިމާމީހާގެ ސަބަބުންކަން މުޅިގައުމް ހެކިވާނެ
އަހަންމާބެ
16 June 2020
ތިކަހަލަ ދަޢުވާކުރަންޏާ، ކުރަންޖެހޭ ކިތައްމީހުން އެބަތިބި، މިހާރު މުޢިއްޒުގެ މައްޗަށް ތިދަޢުވާކުރުމުން ބުނެވޭނީ އެހެންވާހަކައެއް، ދޭހަކޮށްދެނީ އެހެންކަމެއް، ރޯމާދުވާލު ތިހަކަލަ ކަންތައްތައް ވެގެންދިޔައިމާ ދެން އެއްޗެއް ބުނަންއުޅޭ މިހަކަށް އެފުތުޞަތު ފަހިވެގެންދާނެ.
ބަރާބަރު
16 June 2020
މުއިޒް އައް ބުނެލަން އޮތީ ތާއީދު ނެތް ވާހަކަ....
ސޫޒަ
16 June 2020
މުއިއްޒުގެ އަޑު ފުލުސް އޮފީހައް ހާޒިރުކުރީތަ ، ނޫނީ މުއިއްޒު ފުލުސް އޮފީހުން ގެއަށް ދިޔައިރު އަޑު ނުލާ ދިޔައީތަ؟ އެކަހަކަ ކަމެއް ކުރިނަމަ މުއިއްޒު އަށް މިބާވަތުގެ ވާހަކަ ނުދެއްކުނީސް.
ސޫޒަ
16 June 2020
ފޭކުވާހަކަ މުއިއްޒު ދައްކަނީ ،، މިހާރުވެސް މުއިއްޒު ބޭނުންވާހަކައެއް ތިދައްކަނީ ޖަލައް ލިޔަސް މުއިއްޒުގެ އަޑެއް ނުކެނޑޭނެ