ޕީޕީއެމަށް މާލޭގައި ކޮންމެ ކަމެއް "ރާސްޓަސް"!

އަންނަ އަހަރުގެ ރިޔާސީ އިންތިހާބަށް ޕީޕީއެމުން ފޯރީގައި ކެމްޕޭން ފަށައިފި އެވެ. އެ ޕާޓީގެ ކެންޑިޑޭޓް، ރައީސް އަބްދުﷲ ޔާމީންގެ ޕޯސްޓަރުތައް ހަރުކޮށް، ވެހިކަލް ބުރުތަކާއި އެއްވުންތަކާއި ޖަގަހަތައް ވެސް ހުޅުވަނީ އެވެ. އެކަން ކަމަށް މަގުތައް ވެސް ބަންދުކުރަނީ އެވެ. އެއްވެސް މައްސަލައެއް ނޫނެވެ. އިންތިހާބު ކާމިޔާބުވާނީ ކެމްޕޭން ވެސް ކޮށްގެންނެވެ. އެކަމަކު ނޭވާ ނުލެވޭވަރަށް އެއް ބަޔަކު ފިއްތާލައި، ރުޅިއަރުވައިގެން ކުރާ ކެމްޕޭނުން ލިބޭނެ މޮޅެއް އޮންނާނެ ހެއްޔެވެ؟ ރައްޔިތުންގެ ލޯތްބާއި ތާއީދު ހޯދޭނެ ހެއްޔެވެ؟


އިދިކޮޅު ފަރާތްތަކުގެ ސިޔާސީ ހަރަކާތްތަކަށް ހުރަހެވެ. ކުރިން ހުއްދަ ހޯދުމަކާ ނުލައި އެއްވެ އުޅެވޭނެ ކަމަށް ގާނޫނުއަސާސީގައި އޮތަސް އެ ހައްގު ވެސް އިދިކޮޅު ފަރާތްތަކަށް އޮތީ ހަނިކޮށްފަ އެވެ. އެއްވުމެއް، ހިނގާލުމެއް، ޖަލްސާއެއް، އެންމެ ކުޑަމިނުން ޕާޓީގެ މެމްބަރުންނަށް ދައުވަތުދީގެން ހަރުގޭގައި ސަޔެއް ވަރު ވެސް ނުބޭއްވެ އެވެ. ފުލުހުން ނެރެ ޕެޕަ ސްޕްރޭ ޖަހައި، ހުއްޓުވާލަ އެވެ. މި ހުންނަނީ ސިޔާސީ ގޮތުން ޕީޕީއެމާ ވާދަކުރަން ޖެހޭ އިދިކޮޅު ފަރާތްތަކުގެ ބޮޑެތި ޝަކުވާތަކެވެ.

އޭގެ ބަދަލުގައި، ޕީޕީއެމުގެ ކެމްޕޭނުން މި ފެންނަނީ އެ ޕާޓީން ހިތުހުރި ގޮތަކަށް ކޮންމެ ކަމެއް ވެސް ކުރާ މަންޒަރެވެ. ސިޔާސީ ހުރިހާ ހަރަކާތެއް ހިންގުން ވެސް އެ ޕާޓީ އަށް "ރާސްޓަސް" އެވެ. މަގުތައް ބަންދުކޮށްގެން ޖަގަހަތައް ހުޅުވެ އެވެ. ކެންޑިޑޭޓުންނަށް ތާއީދު ހޯދަން ކެމްޕޭން އިވެންޓުތައް ބޭއްވެ އެވެ. ބޮޑުތަކުރުފާނުމަގާއި ކާނިވާ ސަރަހައްދާއި އިންޑަސްޓްރިއަލް ވިލެޖާއި ބްރިޖް ސަރަހައްދުގައި ވެސް އެއްވުންތައް ހުއްދަ އެވެ. ގާނޫނަކަށް ގަވާއިދަކަށް ނުވަތަ އާއްމުންނަށް އުނދަގޫވޭތޯ ބެލުމެއް ނޯވެ އެވެ. އެ ޕާޓީން ހަރަކާތް ހިންގަން ރާވާފައިވާ ގޮތަކަށް "ގާނޫނު ޖެހެނީ ފެތޭށެ"ވެ.

އެމްޑީޕީ ހަރުގެ ކުރިމަތީގައި ބޭއްވި އެއްވުމެއް ހުއްޓުވައި އެ ސަރަހައްދުން މީހުން ފޮނުވާލަން ފުލުހުން މަސައްކަތްކުރަނީ. ފޮޓޯ: އެމްޑީޕީ

މާލޭގެ މަގުތަކުގައި ސިޔާސީ އެއްވުންތައް ބާއްވަން ހުއްދަ ނުދެނީ، ފުލުހުން ބުނާ ގޮތުގައި، މަގުތައް ތޮއްޖެހި، އާއްމުންނަށް އުނދަގޫވާނެތީ އެވެ. ކުރިން ހުއްދަ ހޯދުމަކާ ނުލައި އެއްވެ އުޅެވޭނެ ކަމަށް ގާނޫނުއަސާސީގައި ކަނޑައަޅާފައި ވަނިކޮށް، މި ސަރުކާރުން ކޮންޓްރޯލްކުރި ރައްޔިތުންގެ މަޖިލިހުން ވަނީ އެއްވެ އުޅުމުގެ ގާނޫނުން އެ ހައްގު ހަނިކޮށްފަ އެވެ.

އެކަމަކު ޕީޕީއެމްގެ ޖަގަހަތައް ހުޅުވަން މަގުތައް ބަންދުކުރެ އެވެ. ފުލުހުން ނިކުމެ މުޅި ސަރަހައްދުގައި ފޯރި ވެސް މަރައިދެ އެވެ. މުޅި ސަރަހައްދުގެ ޓްރެފިކް ތޮއްޖެހި އާއްމުންނަށް އުނދަގޫވިއަސް މައްސަލައެއް ނެތެވެ. ރައްޔިތުންގެ ފައިދާ އަށް ތަރައްގީކުރަން ހައުސިން މިނިސްޓްރީން ދޫކުރާ ސަރުކާރު ބިންތަކުގައި ޕާޓީގެ ޖަގަހަ ވެސް ހަދަނީ އެވެ. ޕީޕީއެމުން ކޮށްފި ނަމަ ގާނޫނާ ޚިލާފެއް ނޫނެވެ. ގާނޫނުތައް ނަގަހައްޓައި ދެމެހެއްޓުމުގައި ފުލުހުން ގެންގުޅޭ ހަމަޔާއި އިންސާފު ކޮބައިތޯ އިދިކޮޅު ފަރާތްތަކުން ސުވާލުކުރުމުގެ ފުރުސަތު ލިބެނީ މި ސަބަބުތައް މިހެން ހުރީމަ އެެވެ.

ގާނޫނުއަސާސީއާ ފުށުއަރާ ގޮތަށް، އެއްވެ އުޅުމުގެ ގާނޫނަށް ގެނައި އިސްލާހާ އެކު އެއްވުންތައް ބޭއްވޭނީ ހަމައެކަނި އަލިމަސްކާނިވަލުގައި ކަމަށް ހޯމް މިނިސްޓްރީން ވަނީ ކަނޑައަޅާފަ އެވެ. އެކަމަކު، އެ އިސްލާހު ގެނައި ފަހުން ވެސް އިދިކޮޅު މީހުންގެ ޖަލްސާއެއް ބާއްވަން އެތަން ލިބޭ ވަރެއް ނުވެ އެވެ. ޕީޕީއެމުގެ ޖަލްސާއަށް އެތަން ލިބެނީ ކިހިނެއްތޯ ސުވާލު އުފައްދާ ކޮންމެ އިރަކު ހައުސިން މިނިސްޓްރީ އާއި ފުލުހުންގެ ޖަވާބަކީ މިއެވެ؛ އެ ޕާޓީ އަށް ދޫކުރަނީ އޮންނަ އުސޫލުގެ ތެރެއިންނެވެ. އެއީ، ކޮން އުސޫލެއް ކަމެއް ސާފެއް ނުވެ އެވެ. ހަމައެކަނި ޕީޕީއެމަށް ހާއްސަ އުސޫލަކަށް ވުން ވެސް އެކަށީގެންވެ އެވެ.

އިދިކޮޅު ފަރާތްތަކުން ޖަލްސާ ބާއްވާ ކުނޫޒު ހިމެނޭ ސަރަހައްދު ބަންދުކޮށް، ފުލުހުން އެ އިމާރާތުގެ ބޭރުގައި ފޯރިމަރަނީ.---މިހާރު ފޮޓޯ: ހުސެއިން ވަހީދު

އިދިކޮޅު ޕާޓީތަކުގެ ތަރުޖަމާން އަހްމަދު މަހްލޫފް ވިދާޅުވި ގޮތުގައި އިދިކޮޅު ސިޔާސީ ހަރަކާތް ހިންގަން ޖާގަ ދޭން އެދި މުއައްސަސާތަކަށް 100 އަށް ވުރެ ގިނަ ސިޓީ ހުށަހަޅައިފި އެވެ. އެޕޮއިންޓްމަންޓު ހޯދައިގެން ގޮސް މުއައްސަސާތަކުގެ ވެރިންނާ ވެސް އިދިކޮޅު ފަރާތްތަކުން ބައްދުލުކޮށް، މައްސަލައަށް ހައްލު ހޯދަން އެދެފި އެވެ. އެކަމަކު މިހާތަނަށް އެއްވެސް މުއައްސަސާއަކުން ކޮށްދިން ކަމެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އިދިކޮޅު ފަރާތްތަކުގެ ޖަލްސާއެއް ބާއްވަން ވެސް ހުއްދަ ނުދޭތާ ދެ އަހަރަށް ވުރެ ގިނަ ދުވަސް ވެދާނެ ކަމަށެވެ. އެކަމަކު ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބުނާ ގޮތުން، ހަމަހަމަކާ އެކު ސިޔާސީ ހަރަކާތް ހިންގުމުގެ ފުރުސަތު ދޭން ޖެހެ އެވެ. އެ ހައްގު ކަށަވަރުކޮށްދިނުމަކީ އިލެކްޝަންސް ކޮމިޝަނާއި ފުލުހުންގެ ގާނޫނީ ވާޖިބެކެވެ.

"ވެގެން މިއުޅޭ ގޮތަކީ އެ މީހުންނަށް އެނގޭ ހުއްދަ ދީފިއްޔާ ސަރުކާރާ ދެކޮޅަށް ރައްޔިތުން ނިކުމެ މަގުތައް ތޮއްޖެހި ބާރުވާނެ ކަން. އެ މަންޒަރު ބަލަން، ރައްޔިތުންގެ ޝުއޫރުގެ އަޑު އަހަން ސަރުކާރަށް ފަސޭހައެއް ނޫން. އެހެންވެ އިދިކޮޅު ފަރާތްތަކަށް ފުރުސަތު ނުދެނީ،" މަހްލޫފް ވިދާޅުވި އެވެ.

ޕީޕީއެމުގެ ހަރަކާތެއް ބާއްވަން ރާއްޖޭގެ ހުރިހާ ރައްޔިތުންގެ ފޯނަށް އެސްއެމްއެސް ފޮނުވައި، ސަރުކާރުގެ މުވައްޒަފުންނަށް ބިރުދަައްކައިގެން ވެސް ނެރެވެނީ ތިރީހަކަށް މީހުން ކަމަށް އޭނާ ވިދާޅުވި އެވެ. "ރާސްޓަސް" ޖަހަގަ ހުޅުވަން ވެސް ނިކުތީ އެ އަދަދަށް ކަން ފާހަގަކުރައްވަމުން މަހްލޫފް ވިދާޅުވީ، އެ އަދަދަށް ހިމާޔަތްދީ މަގު ބަންދުކުރެވޭއިރު އެތައް ހާސް ރައްޔިތުން ނިކުންނައިރު މަގު ބަންދު ނުކޮށްދޭން ޖެހޭ ސަބަބެއް ނެތް ކަމަށެވެ.

ސިޔާސީ ހަރަކާތްތައް ހިންގަން ހުއްދަ ދިނުމުގައި، ފުލުހުން އަމަލުކުރަމުންދާ ގޮތާ މެދު ކަންބޮޑުވުން ފާޅުކުރައްވައި ގާނޫނީ ވަކީލް ހުސްނުއްސުއޫދު ވިދާޅުވީ ހުރިހާ ރައްޔިތުންނަށް ފަހިކޮށްދީފައިވާ އަސާސީ ހައްގުތައް ފުޅިތަކަށް ލައިގެން އެ މިނެ، ފުލުހުން ދެނީ އެ މީހުން ބޭނުންވާ މީހަކަށް ބޭނުން މިންވަރަކަށް ކަމަށެވެ. އެކަމަކު އެއް ބަޔަކަށް ގިނައިން ދީ، ނުވަތަ އަނެއް ބަޔަކަށް މަދުން ދިނުމަކީ ގާނޫނުއަސާސީން އެ މީހުންނާ ހަވާލުކޮށްފައި އޮތް ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

އެމްޑީޕީ ހަރުގެ ކައިރިއަށް އެއްވި ބަޔަކު ފޮނުވާލުމަށް ފުލުހުން މަސައްކަތް ކުރަނީ. - ފޮޓޯ: މިހާރު

"ގާނޫނުއަސާސީގައި އޮތް ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި އެއްވެއުޅުމުގެ މިނިވަންކަން ގާނޫނުއަސާސީގައި ތަނަވަސްކޮށްދީފައިވާ މިންވަރަށް އަދި އެ ގާނޫނުއަސާސީގައި ކަނޑައަޅާފައިވާ ގޮތަށް ފުޅާކޮށް ދިނުމަކީ ފުލުހުންގެ މަސްއޫލިއްޔަތެއް. އެ ހައްގުތައް ފުލުހުން ހަނިކުރަމުން ހަނިކުރަމުން ގޮސް އެއްވެ އުޅުމުގެ މިނިވަންކަން އޮތީ ބަންދުކޮށްފައި،" ސުއޫދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މިއީ ކޮންމެވެސް ދުވަހަކުން ފުލުހުން ޖަވާބުދާރީވާން ޖެހޭނެ މައްސަލައެކެވެ.

ސިޔާސީ ހަރަކާތް ހިންގުމުގެ ހުއްދަ ގާނޫނުއަސާސީ އާއި ގާނޫނުތަކުން ކަށަވަރުކޮށްދީފައި ވަނީ ހަމައެކަނި ވެރިކަން ކުރާ ޕާޓީއަކަށް ނޫނެވެ. އެއީ، ހަމަހަމަކަމާ އެކު ހުރިހާ ރައްޔިތުންނަށް ވެސް ލިބިދީފައި އޮންނަ ހައްގެކެވެ. އެއް ބައެއްގެ އަތުން ހައްގު ނިގުޅައިގަނެ، އަނެއް ބަޔަކަށް އިމެއް ނެތި އެ ހައްގު ކަށަވަރުކޮށްދިނުމަކީ ތަފާތުކުރުމެވެ. އިންތިހާބުން މޮޅުވާން ބޭނުން ނަމަ ކެމްޕޭންތަކުގެ މިސްރާބު ވެސް ހަމަހަމަކަމާއި އިންސާފާ ދިމާލަށް ބަދަލު ކުރަން ޖެހެ އެވެ.