ކޮވިޑް-19 އަށް ރާއްޖެ އިން އަނެއްކާ ވެސް ދެ މީހަކު ޕޮޒިޓިވް ވެއްޖެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ދެންމެ އިއުލާންކޮށްފި އެވެ.
އެ އިދާރާ އިން ކުރި ޓުވީޓެއްގައި ބުނީ، ކޮވިޑް-19 ޖެހިފައިވާކަން ކަށަވަރުވީ، ސޭންޑީޒް ބަތަލާ އައިލެންޑް ރިސޯޓުގައި ތިބި ބިދޭސީ ދެ މީހެއްގެ ފަރާތުން ކަމަށެވެ.
އއ. އަތޮޅުގައި ހިންގާ ބަތަލާ ރިސޯޓުގެ ތިން މީހަކު ޓެސްޓު ކުރިއިރު، އޭގެ ތެރެއިން ދެ މީހަކަށް ކޮވިޑް-19 ޖެހިފައިވާ ކަމަށް އެޗްޕީއޭ އިން ބުންޏެވެ. ނަމަވެސް އެއީ އެ ރިސޯޓުގައި މަސައްކަތް ކުރާ ދެ މީހަކު ކަމެއް ނުވަތަ ޗުއްޓީ އަށް އައިސްފައި ތިބި ބައެއް ކަމެއް އެޗްޕީއޭ އަކުން އަދި ނުބުނެ އެވެ.
އެޗްޕީއޭ އިން އިއްޔެ ރޭ ބުނެފައިވާ ގޮތުގައި، ބަތަލާ އައިލެންޑްގައި ޗުއްޓީ ހޭދަކުރަމުން އައި އިޓަލީގެ ޓޫރިސްޓެއްގެ ގައިން ކޮވިޑް-19 އަށް ޝައްކު ކުރެވޭ އަލާމާތްްތަކެއް ފެނުމާ ގުޅިގެން، އޭނާގެ ޓެސްޓުތައް ހެދުމަށާއި މޮނިޓާ ކުރުމަށްޓަކައި އެ ރިސޯޓަށް އަރައިފޭބުން ވަނީ ވަގުތީ ގޮތުން މަނާކޮށްފަ އެވެ.
އެކި ގައުމުތަކުގައި ހަލުވިކަމާ އެކު، ފެތުރެމުންދާ ކޮވިޑް-19 ރާއްޖެ އިން ފެނުނުކަން ސަރުކާރުން އިއުލާންކުރީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭގަ އެވެ. ރާއްޖެ އިން އެ ބަލި ފުރަތަމަ ފެނިފައި ވަނީ ކުރެއްދޫ އައިލެންޑް ރިސޯޓުގައި މަސައްކަތް ކުރާ ދެ ބިދޭސީއެއްގެ ހަށިގަނޑުންނެވެ.
އެހެންކަމުން، ރާއްޖެ އިން މިހާތަނަށް ކޮވިޑް-19 ޖެހިފައިވާކަން މި ކަށަވަރުވީ ހަތަރު މީހަކަށެވެ. އެ އެންމެންނަކީ ވެސް ބިދޭސީންނެވެ. ޑަބްލިއުއެޗްއޯގެ މިންގަނޑުތަކަށް އަމަލުކުރާތީ، އެ މީހުންގެ ގައުމުގެ އިތުރުން ޒާތީ މައުލޫމާތުތަކެއް އެއްވެސް އިދާރާ އަކުން ހާމައެއް ނުކުރެ އެވެ.
ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މިރޭ ބޭއްވި ނިއުސް ބްރީފިންއެއްގައި ވިދާޅުވެފައި ވަނީ، ކުރެއްދޫ ރިސޯޓުން ކޮވިޑް-19 އަށް ޕޮޒިޓިވް ވި ދެ މީހުންނާ އެކި ގޮތް ގޮތުން ގުޅުން ހުރި 173 މީހަކު ފާހަގަ ކުރެވިފައިވާ ކަމަށެވެ. އަދި ކުރެއްދޫ ރިސޯޓުގެ ކޮޓަރިތަކުގައި 93 މީހަކު އެކަހެރި ކޮށްފައިވާ ކަމަށް އަމީން ވިދާޅުވެފައި ވެ އެވެ.
އެންމެ ފަހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވި ދެ މީހުން ތިބި ބަތަލާ ރިސޯޓުގެ ކޮޓަރިތަކުގައި ވެސް 11 މީހަކު އެކަހެރި ކޮށްފައިވާ ކަމަށް އޭނާ ނޫސްވެރިން ގާތު ވިދާޅުވި އެވެ.
ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ދެ މުވައްޒަފަކު ފެނިގެން ކަރަންޓީނު ކޮށްފައިވާ، ކުރެއްދޫ ރިސޯޓުގެ އެހެން މުވައްޒަފަކު ށ. ފޯކައިދު އަށް ދިޔަ ފަހުން އެ ބައްޔަށް ޝައްކުވާ އަލާމާތްތައް ފެންނާތީ، އެ މީހާގެ ޓެސްޓްތައް ހެދުމަށް ފަރުކޮޅުފުއްޓަށް ގެނައުމުގެ މަސައްކަތް ކުރަމުން ކަމަށް ވެސް އެޗްޕީއޭ އިން މިރޭ ބުނެފައި ވެ އެވެ.
މިނިސްޓަރު އަމީން ވިދާޅުވި ގޮތުގައި، ފޯކައިދޫން މި މީހާ ފާހަގަވުމާ އެކު، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް ވަނީ އަޅައިފަ އެވެ. އެ މީހާ މިހާތަނަށް ބަހައްޓާފައި ހުރީ އެކަހެރިކޮށެވެ. ނަމަވެސް ޓެކްނިކަލް ބޭފުޅުންގެ ލަފާގެ ދަށުން، އެ ރަށަށް އަރައި ފޭބުން މަނާކޮށްފައި ނުވާ ކަމަށް އަމީން ވިދާޅުވި އެވެ.
ރާއްޖޭގައި އަމަލުކުރާ އުސޫލަށް ބަލާއިރު، އެއްވެސް މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ ނަމަ، އެ ވަގުތަކު އޭނާ ހުރި ރަށަކަށް އަރައިފޭބުން ވަގުތީ ގޮތުން މަނާކުރާނެ އެވެ. އެ އުސޫލުން މިހާރު ވެސް ކުރެއްދޫ ރިސޯޓާއި ބަތަލާ އައިލެންޑް ރިސޯޓު ވަނީ ކަރަންޓީން ކޮށްފަ އެވެ.