ރައްޔިތުންގެ މަޖިލީހުގެ ޕީޕީއެމް/އެމްޑީއޭ ކޯލިޝަންގެ މެމްބަރުންތަކެއް މަޖިލީހުގެ އިދާރާ ބޭރުގައި. - ފޮޓޯ: މިހާރު
05 ޖުލައި 2018 - 12:30
އިންތިޚާބުތަކާ ބެހޭ ގާނޫނުތަކުގެ އިސްލާހުތަކަށް ވޯޓަށް އެހުމުގައި "ޒަރޫރީ ހާލަތެއް" ކުރިމަތިނުވާ ކަމަށާއި އެ އިސްލާހުތަކަށް ވޯޓަށް އަހަންވާނީ، މަޖިލީހުގެ ދެ ބައިކުޅަ އެއް ބަޔަށް ވުރެ ގިނަ މެމްބަރުން ތިބޭ ޖަލްސާއެއްގައި ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގައި އިއްޔެ ނެގި ވޯޓަށް، އިދިކޮޅު ބައެއް މެމްބަރުން މިއަދު ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެ އެވެ.
ރައްޔިތުން އެ މައްޗަށް އަމަލުކުރުން ލާޒިމްކުރާ އެއްވެސް ކަމެއް މަޖިލީހުން ފާސްކުރަން ޖެހޭނީ މަޖިލީހުގެ ދެ ބައިކުޅަ އެއް ބަޔަށް ވުރެ ގިނަ މެމްބަރުން ހާޒިރުވެ ތިބޭ ޖަލްސާއެއްގައި ކަމަށް ގާނޫނުއަސާސީގައި ބުނެފައިވަނިކޮށް، "ޒަރޫރީ ހާލަތްތަކުގައި" އެއަށް ވުރެ މަދުން މެމްބަރުން ތިއްބަސް އިސްލާހުތަކަށް ވޯޓަށް އެހޭ ގޮތަށް ޕީޕީއެމް/އެމްޑީއޭގެ އެންމެ 31 މެމްބަރުންގެ އިއްތިފާގުން އިއްޔެ ވަނީ ފާސްކޮށްފަ އެވެ. އެއަށް ފަހު، އިންތިޚާބުތަކާ ބެހޭ ގާނޫނުތަކަށް ހުށަހެޅި އިސްލާހުތަކަށް ވޯޓަށް އަހައި އެ އިސްލާހުތައް ވަނީ ފާސްކޮށްފަ އެވެ.
މަޖިލީހުގެ އެ ނިންމުމާ މެދު ކަންބޮޑުވުން ފާޅުކުރައްވައި ކެންދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު އަލީ ހުސައިން ވިދާޅުވީ ގާނޫނުއަސާސީގައި ވަކި އަދަދަކަށް މެމްބަރުން ޖަލްސާގައި ތިބެން ވާނެ ކަމަށް ކަނޑައަޅާފައި އޮއްވައި، އެ ނޫން ގޮތަކަށް ބިލުތަކަށް ވޯޓަށް އަހައިގެން ނުވާނެ ކަމަށެވެ. އިންތިޚާބުތަކާ ބެހޭ ގާނޫނުތަކަށް ހުށަހެޅި އިސްލާހުތަކަކީ ރައްޔިތުން އެ މައްޗަށް އަމަލުކުރުން ލާޒިމް ބިލުތަކެއް ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް ފާހަގަ ކުރެއްވި ފަދަ "ޒަރޫރީ ހާލަތެއް" މިހާރަކު ރާއްޖޭގައި ނެތެވެ. ގާނޫނުއަސާސީ އަށް އަމަލުކުރާ ނަމަ، އިދިކޮޅު 12 މެމްބަރުންނަށް މަޖިލީހަށް ވެންނެވެން ޖެހޭނެ ކަމަށާއި ރިޔާސަތުގައި މަސީހަށް ވެސް ނުހުންނެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ޕެރެޑައިސް އައިލެންޑު ރިސޯޓުގައި ބޭއްވި ޖުމްހޫރީ ޕާޓީގެ ކޮންގްރެސްގެ ސެޝަނެއްގައި ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ވާހަކަ ދައްކަވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު
"ޑިމޮކްރެޓިކް ވެރިކަމެއްގައި، އިންތިޚާބު ކައިރިވެފައި އޮއްވާ ގާނޫނުތައް އިސްލާހެއް ނުކުރާނެ. މިއީ ވަކި މީހަކަށް ގެއްލުމެއް ދޭން ގެންނަ އިސްލާހުތަކެއް،" އަލީ ހުސައިން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ގާނޫނުއަސާސީއާ ހިލާފަށް ފާސް ކުރާ ބިލުތައް އުފެދުމުގައި ވެސް ވާނީ ބާތިލް ބިލުތަކަކަށް ކަމަށާއި އެ އަށް ރައްޔިތުން އަމަލު ކުރަން ނުޖެހޭނެ ކަމަށެވެ. ޑިމޮކްރެޓިކް ގައުމުތަކުގައި އިންތިޚާބުތަކާ ބެހޭ ގާނޫނަށް އިސްލާހު ގެންނަނީ އިންތިޚާބަށް ހަމަހަށް ވުމުން ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ) އިން ގޮނޑި ގެއްލުނު ކަމަށް ކަނޑައަޅާފައިވާ މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު ވިދާޅުވީ އިއްޔެ މަޖިލީހުގައި ނެގި ވޯޓަކީ ޣައިރު ގާނޫނީ ގޮތަކަށް ނެގި ވޯޓެއް ކަމަށެވެ. މަސީހް ވެސް މައްސަލަތައް ހުށަހަޅުއްވަން ވާނީ ގާނޫނުއަސާސީއާ އެއްގޮތަށް ކަމަށާއި އެ މަނިކުފާނު ގާނޫނުއަސާސީ އަށް ގޮންޖައްސަވައިގެން ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ގާނޫނުއަސާސީގައި އެބައޮތް ރައްޔިތުން އެ މައްޗަށް އަމަލު ކުރަން ލާޒިމް ކުރާ އެއްވެސް ކަމަކަށް ވޯޓަށް އަހާއިރު، މަޖިލީހުގެ ދެ ބައިކުޅަ އެއް ބަޔަށް ވުރެ ގިނަ މެމްބަރުން ނުތިއްބަވާ ނަމަ، ވޯޓަށް އަހައިގެން ނުވާނެ ކަމަށް. އެހެން ލިޔެފައި އޮއްވާ އެކަން ކުރުމާ ގުޅިގެން މަސީހްގެ ހުށަހެޅުމާއި އިންތިޚާބުތަކާ ބެހޭ ގާނޫނުތަކަށް ހުށަހެޅި އިސްލާހުތައް ފާސް ކުރަން ނެގި ވޯޓު ވާނީ ބާތިލް،" އަމީތު ވިދާޅުވި އެވެ.
އަމީތު ވިދާޅުވި ގޮތުގައި ސުޕްރީމް ކޯޓުން ކުރި ހުކުމްގައިވާ ގޮތުން ޒަރޫރީ ހާލަތެއް ކުރިމަތިވެފައިވަނީ ހަމައެކަނި އެންޓި-ޑިފެކްޝަންގެ ގާނޫނާއި ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ފާސް ކުރުމަށެވެ. އެ ހާލަތު މިހާރު އެއްކޮށް އުވިފައިވާ ކަމަށް ވެސް އަމީތު ވިދާޅުވި އެވެ.
އަމީތު ވިދާޅުވީ މަޖިލީހުގެ ނިންމުމަކީ ސުޕްރީމް ކޯޓުގެ ހުކުމަށް ގޮން ޖެހުމެވެ. ޣައިރު ގާނޫނީ ގޮތަކަށް ނިންމި ނިންމުން ބާތިލު ކުރަން ސުޕްރީމް ކޯޓަށް ހުށަހަޅަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި މަޖިލީހުން ކޯޓުތަކުގެ ނިންމުންތައް ނާޖައިޒު ގޮތުގައި ބޭނުން ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
މަސީހުގެ މި ހުށަހެޅުއްވުމުގައި ރައްޔިތުން އެ މައްޗަށް އަމަލު ކުރުން ލާޒިމްކުރާ ގާނޫނުތައް ފާސްކުރާ އިރު މަޖިލީހުގެ ދެ ބައިކުޅަ އެއް ބަޔަށް ވުރެ ގިނަ މެމްބަރުން ތިބެން ޖެހޭނެ ކަމަށް ގާނޫނުއަސާސީގައި ބުނެފައިވާ މާއްދާގެ އެއްވެސް ވާހަކައެއް ގެންނަވާފައެއް ނުވެ އެވެ. އެމަނިކުފާނު މުޅިން ވެސް ވިދާޅުވީ މަޖިލިހުގެ ގަވާއިދުގެ މާއްދާތަކެކެވެ.
ގާނޫނުއަސާސީގެ 87 ވަނަ މާއްދާގައި ބުނަނީ "ރައްޔިތުން އެ މައްޗަށް އަމަލު ކުރުން ލާޒިމްކުރާ އެއްވެސް ކަމެއް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމަށްޓަކައި ވޯޓަށް އަހަންވާނީ އެ މަޖިލިހުގެ ޖުމްލަ މެމްބަރުންގެ ދެ ބައިކުޅަ އެއް ބަޔަށް ވުރެ ގިނަ މެމްބަރުން އެ ވޯޓެއް ނަގާ ޖަލްސާގައި ހާޒިރުވެ ތިބޭ ވަގުތެއްގައި" ކަމަށެވެ.
މަޖިލީހުގެ ގަވައިދުގެ 37 ވަނަ މާއްދާގެ (ބ) ގައި ވެސް ހަމަ އެގޮތަށް ވަނީ ކަނޑައަޅާފަ އެވެ. މިހާރުގެ މަޖިލިހުގައި 85 މެމްބަރުން ތިއްބަވާ އިރު ގާނޫނުއަސާސީގައި އެ ބުނާ އަދަދަކީ 43 މެމްބަރުންނެވެ.
މަސީހްގެ ހުށަހެޅުއްވުމުގައި ބުނެފައިވަނީ ގަވައިދުގެ 37 ވަނަ މާއްދާގެ (ބ) ގައި ބުނާ ގާނޫނީ އަދަދު ހަމަނުވުމުގެ ސަބަބުން ތިން ބިލެއް ފާސްކުރުމަށް ވޯޓަށް އެހުމުގެ ކަންކަން ކުރިއަށް ގެންދެވިފައި ނުވާ ކަމަށެވެ. ތިން ބިލަކީ ވެސް ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބާއި ދައުލަތުގެ މަސްލަހަތާ ވަރަށް ބޮޑަށް ގުޅިލާމެހިފައިވާ ތިން ބިލު ކަމަށް ވެސް މަސީހްގެ ހުށަހެޅުއްވުމުގައިވެ އެވެ.
މި ތިން ބިލު ފާސްކުރުމަށް މިހާރުން މިހާރަށް ވޯޓަށް އަހަން ޖެހޭ ކަމަށް ދެކެވަޑައިގަންނަވާ ކަމަށް އެ ހުށަހެޅުމުގައިވެ އެވެ. ސުޕްރީމް ކޯޓުން ކޮށްފައިވާ ހުކުމްތަކަށް ރިއާޔަތް ކުރެއްވުމަށް ފަހު، "ޒަރޫރަތްތެރި ހާލަތުގައި"، ގަވައިދުގައި ބުނާ ގާނޫނީ އަދަދު ހަމަ ނުވި ނަމަވެސް ގާނޫނުއަސާސީ އާއި ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 37 ވަނަ މާއްދާގެ (ހ) ގައި ބުނާ ގާނޫނީ އަދަދު (މިހާރުގެ ނިސްބަތުން 21 މެމްބަރުން) ހަމަވާ ނަމަ ވޯޓަށް އަހަން ފެނޭތޯ މަސީހް ހުށަހެޅުއްވި އެވެ. އެ ހުށަހެޅުން ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި، ޕީޕީއެމާއި އެމްޑީއޭ ކޯލިޝަންގެ 31 މެމްބަރުންގެ އިއްތިފާގުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިންސާނާ
06 July 2018
ހަމައެކަނި މުސާރަ ނަގަން ދާބައެއްތީ
ރީތި މޫސަ
06 July 2018
ތާއަބަދު ސަރުކާރަށް ޖެއްސުންކުރަންތިބެން ހަދައިގެން ތިޔޮއްގެން އޮޔާދަނީ ޤައުވަށައިން ތަރަށްޤީވަމުންދަނީ ރައިއްޔަތުންބޭނުންވަނީ ހުސްއަނގަނުތަޅާ ކަންވާން މިޙަޤީގަތްޤަބޫލުކުރާ ފަރުދުން ގިނައީ
ޒަރޫރީ ހާލަތު
05 July 2018
މިސަރުކާރަކީ 4 ފޮރޮޅު ނެއްޓޭ ހާލަތުގައި އޮތް ސަރުކާރެއް އެހެން ކަމުން ޒަރޫރީ ހާލަތު، ކުއްލި ނުރައްކަލުގެ ޙާލަތު،،ސިޔާސީ ހާލަތު، ސިހްރީ ހާލަތު، ފިނިފެންމާ ހާލަތު، ބިރުއްދެއްކުމުގެ ހާލަތު، ގޮއްމުށުގެ ޙާލަތު، 25 ބުރީގެ ހާލަތު ، ޢޮޅުވާލުމާ ރިޝްވަތުގެ ހާލަތު ، ގޮނޑި ގެއްލޭހާލަތު އަދި ފުރާޅު ޓިނުނަގަންޖެހޭ ހާލަތު ގައި އެކަންވެސް ކުރާނެ.
ހަސަން
05 July 2018
ވޯޓް ބާތިލް ވާނީ ހަދާނެ އެއްޗެއް ހާވާނެ ހަޑިޔެއް ނިމުނީމަ ... ދެން މިހާރަށް މިގޮތް އޯކޭ ... މިއީ އަހަރުމެން ޤަނޫނު ދަމަހައްޓާގޮތް ... ފުލުހުންނަށް ސިފައިންނަށް މިހާރަކު ޤައިރުޤާނޫނީޔޭ ބުނެވޭނެ ޖާގައެއް ނޯންނާނެ.
ހަސަންމަނިކުފާނު
05 July 2018
2013 ވަނަ އަހަރު ޕީޕީއެމްމެމަބަރުން އިހްތިޖާޖް ކުރަނިކޮށް ސާހިދު ފާސްކުރި ބިލުތައް އޭރު އޯކޭ!
ހަސަން
05 July 2018
އިހްތިޖާޖް ކުރުމާ ... ޤާނޫނުގައި އޮންނަ ވަރަސް މެމްބަރުން ހަމަނުވެ ފާސް ކުރުމާ އެއީ ދެކަމެއް. ވިސްނަނީ ފޫކޮޅުންތަ ؟؟؟؟
އަލިބެއްޔާ، އެކުވެރިސުވައިދީބް
05 July 2018
ކޮންމެ ތާކު ކޮންމެ ބަޔަކު ކުރިޔަސް އަދި ކޮންމެ އިރަކު ކުރިޔަސް ގޯހެއް ވާނީ ހަމަ ގޯހަކައް އެހެންނޭ ކިޔާފައި ފަހުން އަންނަ ބަޔަކު ހަމަ އެ ގޯސް ތަކުރާރު ކޮށްފައި ބަހަނާ ދެއްކުމަކުން ހެދި ގޯހެއް ރަނގަޅެއް ނުވާނެއެވެ.
ސޭކުސްތާނު
05 July 2018
މަގޭ ގާތަށް އަންނަނީ ހިނި ދަރުބާރު ޕާޓީވެރިން ގޮޅިތަކަށްފިތި ބާރުވެފަތިބިވަރު ފެނިފަ.
ހަސަން
05 July 2018
އެއްގޮޅިއަކަށް ވެސް ނުފެތޭނެ. 2018 ވޯޓު ނިމުމަށް ފަހު އެފެށުނީ އަނެއް ބާބު.
ސސަނދހ
05 July 2018
ނޫނެކޭބުނަން 32މެމްބަރުން ނުނިކުމެ ތިބިނަމަ ފާހެއްނުވާނެނޫންތޯ؟ ޙާލަތަކީ ޟަރޫރީ ޙާލަތެއްކަން ޝައްކެއްވެސްނެތް. ޙާލަތުއެނގޭނީ ހަމައެކަނި އެމްޑީޕީއަށްތަ؟
ޙިސްނާ
05 July 2018
ވަރުގަދަކަމެއް ހުވާ. މިދިޔަ 10 އަހަރު މަޖިލީހުން ކުރި އެއްވެސް ކަމަކަށް ވޯޓް ނުދީ ތިބެ މިކިޔަނީ އަޅެ ފަހެ، ކީކޭތަ؟ ބަޖެތަކަށް ވެސް ވޯޓް ދިނީކީ އެއް ނޫން. ޥޯޓް ދިނީ ހަމައެކަނި ސަރުކާރާ ޑީލް ހަދައިގެން ޤައުމަށް ގެއްލުންހުރި ކަންތައް ފާސްކުރަން އެކަނި.
އަލީ!
05 July 2018
މަޖުލިހާ ކޯޓުތަކާ ވެގެން ދިވެހިރާއްޖެ ވަރަށް ދަށު ދަރަޖައަކަށް ވައްޓާލާފި.
ރައްޔިތުން މުދާ
05 July 2018
ބަލަގަ ރައްޔިތުންގެ ފައިސާ މުސާރަ ނަގައިގެން އިދިކޮޅު ހަރަކާތޭ ކިޔައިގެން ކީވެތަ މަޖިލިހަށް ނުދަނީ . މުސާރަ ހަރާްމވާނެ މަޖިލީހަށް ނުދަންޏާ. ފާސްވިޔަސް ނުވިޔަ. އިދިކޮޅު މީހުންވެސް ހޖެހޭނެ ފެންނަ މަޖިލިހުގައި ވާހަކަ ދައްކާ ފެންނަ ގޮތް ހާމަ ކުރަން. ދެން މާމޮޅު ގޮތެއް މަހަކު 84 ހާސް ރުފިޔާ ނަގައިގެން އަނބިމީހާ ކައިރި އޮތީމާ ނިމުނީ. މަމީ އިދިކޮޅު މީޙެކޭ ކިޔާފަ. މަދެން މަޖިލިމެންމބަރުންނަކަށް ވޯޓެއް ނުދޭނެ